ހަބަރު

ލަންކާގައި އަށް ދިވެއްސެއް ހައްޔަރުކޮށްފައި އެބަ ތިބި

Apr 30, 2019
1

މިދިއަ ހަފްތާގެ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެކަމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންގެ ދަށުން މިވަގުތު އަށް ދިވެއްސެއް ހައްޔަރުގައި އެބަތިބިކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ބާރުތަކުން މިހާރު ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން ހަމަލާދިން ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 13 ދިވެއްސަކު ހައްޔަރުކުރި ކަމަށް ފޮރިން މިނިސްރީގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި އެވެ.

އިއްޔެ ގޯލް ސަރަހައްދުން ހައްޔަރުކޮށް މިއަދު ބަންދުގެ މުއްދަތު ޖެހި ތިން މީހުންނާއެކު ބަންދުގެ މުއްދަތު ޖަހާފައި މިހާރު ތިބީ ފަސް މީހެކެވެ. ނަަމަވެސް ކޯޓަށް އަދި ހާޒިރު ނުކުރާ ތިން މީހުން ވެސް އެބަ ތިބިކަމަށް މިއުވާން ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހުން މިހާރު ދޫކޮށްލާފައިވާއިރު، ބާކީ ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އިއްޔެ ގޯލު ސަރަހައްދުގައި ހުރި ޗެކްޕޮއިންޓަކުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ހަ ދުވަސް އިތުރުކޮށްދީފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

މިއުވާން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ހައްޔަރުކޮށްފައިތިބި ހުރިހާ ދިވެހިންގެ ވެސް ހާލު ރަނގަޅުކަމަށާއި، އެ މީހުންގެ ހާލަތު ލަންކާގައި ހުންނަ ދިވެހި އެމްބަސީން ގާތުން ބަލަމުން އަންނަ ކަމަށެވެ.

"ލަންކާގައި އުޅޭ ކޮންމެ ދިވެއްސަކަށްވެސް ބޭނުންވާ ކޮންސިޔުލާ ހިދުމަތް އެމްބަސީން ފޯރުކޮށްދެމުންދާނެ. އިއްޔެ ގޯލުން ހައްޔަރުކުރި މީހުންނަށް އެހީތެރިވާން، އެމްބަސީގެ އޮފިޝަލުން ވަނީ އެ ސަރަހައްދަށް ވަޑައިގެންފައި. ލަންކާގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް އެމްބަސީން އެހީތެރިކަން ފޯރުކޮށްދޭނެ،" މިއުވާން ވިދާޅުވި އެވެ.

ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އިރު ލަންކާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ތެރެއަށް ލަންކާގައި ތިބި 15،000 އަށްވުރެ ގިނަ ދިވެހިން ވެސް ވަނީ ގެނބިފަ އެވެ.

ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ނިވާކޮށްގެން އުޅުމުގެ އިތުރުން ކަންފަތް ފޮރުވޭގޮތަށް ބުރުގާ އެޅުންވެސް އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކްރިސްޓިއަނުންގެ ފައްޅިތަކެއް އިތުރުން ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 253 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 40 އަށް ވުރެ ގިނަ ބޭރު މީހުން ހިމެނޭކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.