ހަބަރު

ފޮރިން މިނިސްޓަރު ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވައިފި އެވެ.

ޝާހިދު މިވަގުތު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރަނިލްއާ މިއަދު ބައްދަލު ކުރައްވާ، ލަންކާއަށް މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކާއެކު އެ ގައުމަށް ކުރިމަތިވެފައިވާ ހާލަތުގައި ރާއްޖެ އޮތީ ލަންކާ އާއެކު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި، ދެގައުމު ދެމެދު ގުޅުން ބަދަހި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށާއި، ލަންކާ އިން ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިދިޔަ މަހު ލަންކާގައި ގޮއްވާލި ބޮމުގެ ހާދިސާ އަށްފަހު، އެ ގައުމުގެ ވިސާގެ ކަންކަން ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން، އެހެން ގައުމުތަކުގެ މީހުން ސްރީލަންކާގައި ތިބެން ބޭނުންވާ ރެޒިޑެންސް ވިސާ އެ ބައެއްގެ ގައުމުގައި ތިބެގެން ނަގަންޖެހޭ ގޮތަށް ލަންކާ ސަރުކާރުން އުސޫލަށް ވަނީ ބަދަލުގެނެސްފަ އެވެ.

ފޮރިން މިނިސްޓަރު ކުރައްވާ މި ދަތުރުގައި ލަންކާގެ އިސް އެހެން ބޭފުޅުންނާވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން، ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އާއި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާއާ ބައްދަލު ކުރެއްވި އެވެ. އަދި، ރާއްޖޭގައި ހައްޔަރު ކޮށްފައި ތިބި ލަންކާގެ 25 މަސްވެރިން ދޫކޮށްލާނެ ކަމަށްވެސް ޝާހިދު ވަނީ ލަންކާ ސަރުކާރަށް ޔަގީކަން އަރުވައިފަ އެވެ.