ސްރީލަންކާގެ ބޮމުގެ ހަމަލާ

ހައްޔަރުކުރި ދިވެހިންގެ ތެރޭން ދެމީހެއްގެ ބަންދު ޖަހައިފި

މިދިޔަ އާދީއްތަ ދުވަހު ސްރިލަންކާގައި ދިން ޓެރަރިސްޓް ހަމަލާތާކާއި ގުޅިގެން ފެށި ސާޗު އޮޕަރޭޝަންގައި ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފި އެވެ.

ހަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފައިވަނީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ގެންގުޅެނިކޮށް ސުވާލު ކުރި ދިވެހި މީހާއަށާއި އިތުރު މީހަކަށެވެ. އެ ދެ މީހުންގެ ބަންދު މުއްދަތު ޖެހީ މައުންޓްލެވެނިއާގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެއީ ދިވެހި ކޮން ބައެއް ކަމެއް މިހާތަނަށް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިއަދު ބަންދުގެ މުއްދަތު ޖަހައިފައިވާ ދެ މީހުން ކޯޓަށް ހާޒިރު ކުރިއިރު ދިވެހި އެމްބަސީގެ އޮފިޝަކުން ބަންދުގެ މަޖިލީހަށް ވަޑައިގެން ތިއްބެވެ. އެމްބަސީން ގެންދަނީ ލަންކާ ފުލުހުން ހައްޔަރުކޮށްފައިވާ ދިވެހިންގެ ކަންކަން ގާތުން ބަލަމުންނެވެ.

އަނެއް ހަތަރު ކޯޓަށް ހާޒިރު ކުރާނީ އަންނަށް ހޯމަ ދުވަހު އެވެ. މި ހަތަރު މީހުންނަކީ ލަންކާގައި ފްލައިޓް އިންޖިނިއަރިން ކިޔަވަމުން އައި ބައެކެވެ. އެ މީހުން ހައްޔަރު ކުރީ ދިރިއުޅުނު ގެ ބަލައި ފާސް ކުރި އިރު އެ ގެއިން ޖަނަވާރު ޝިކާރަ ކުރަން ބޭނުން ކުރާ ޒާތުގެ ބަޑިއެއް ފެނިގެނެވެ. އެބަޑި ވިއްކި ތަނުން އެމީހުނަށް ދީފައި ވަނީ ފޭކު ލައިސަންސެކެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނީ، ކޮންސިއުލާގެ ހިދުމަތްތަށް ބޭނުންވާ ފަރާތްތަކަށް، ހިދުމަތް ފޯރުކޮށް ދިނުމަށް މި ހަފުތާ ބަންދުގައި އެމްބަސީ ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.