ފޮނަދޫ

ފޮނަދޫއަށް ލިބުނު ގެއްލުންތަކުން އަރައިގަނެވިއްޖެ: ޑިޒާސްޓާ

އިއްޔެ ރޭ ފަތިހު ލ. ފޮނަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުން މިހާރު އަރައިގެނެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މޭނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ވިއްސާރައިގަ ލިބުނު ގެއްލުންތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރް ވިދާޅުވީ، ފުރާޅު އެއްލައިގެން ރިޕޯޓްކޮށްފައިވާ ހުރިހާ ގެތަކެއްގެ ފުރާޅު އަލުން އަޅައިފައި ކަމަށެވެ. އަދި މިހާރު ދިރި ނޫޅެވިގެން އެހެންތަނަކު ތިބެންޖެހޭ އެއްވެސް ބަޔަކު ނެތް ކަމަށް އުމަރް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރް ވިދާޅުވީ، ނަގޫރޯޅި އެރުމުގެ ސަބަބުން ޖުމްލަ 12 ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ގެތަކުގެ މީހުނަށް އަދި އެހީ ފޯރުކޮށްދެމުންދަނީ އެފަރާތްތަކުގެ އާއިލާއިން ކަމަށެވެ.

މިއަދު ކުރިއަށްދިޔަ އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރް އިތުރަށް ވިދާޅުވީ، އިއްޔެ ގއ. ވިލިގިލި، ދާންދޫ އުދަ އަރައިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ގޭބިސީއަކަށް ގެއްލުންލިބުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން އއ. އުކުޅަހު ގައި ބާރަ ގެއަކަށް ފެންވަދެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށާއި، އެރަށުގައި ފެން ހިއްކުމުގެ ގޮތުން ކޯރު ކެނޑުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އުމަރް ވިދާޅުވި މޫސުން މިހާރު ދަނީ ރަނގަޅުވަމުން ކަމަށެވެ. ނަމަވެސް މެދެ ރާއްޖެތެރެއާއި ދެކުނަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އަތިރި އާއި ކައިރީގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރުމަތީގައި ހިލަ ނުވަތަ ވެލި ބަސްތާ ޖެހުމަށް އުމަރް ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އާދަޔާ ހިލާފު ވާރޭ އެއް ނޫން ކަމަށެވެ. މިއީ ހުޅަނގު މޫސުމުގެ ފުރަތަމަކޮޅު އެހެން އަހަރުތަކޭ އެއްގޮތަށް ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.