ހަބަރު

ލަންކާ ބޮމުގެ ހަމަލާތަކާއެކު ކުރީގެ ނާމާން ހަނދާންތައް

Apr 21, 2019
1

މިއަދު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 130 އަށް ވުރެ ގިނަ މީހުން މަރުވެ 400 އެއްހާ މީހުން ޒަހަމްވެފައިވާއިރު، އެ ގައުމުގެ ހިނގި ދާހިލީ ހަނގުރާމައިގެ ތެރެއިން ކުރިމަތިވި ބިރުވެރިކަމާއި ނާމާންކަން މިވަނީ އަލުން އިޔާދަވެފަ އެވެ.

ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާ ސަރުކާރުން 25 އަހަރަށް ދިގުދެމިގެންދިޔަ ހަނގުރާމަ ރަސްމީކޮށް ނިމިފައިވަނީ 2009 ވަނަ އަހަރެވެ. އެ ދިގު ހަނގުރާމައިގެ ތެރެއިން ދެ ފަރާތުންވެސް ބޮޑެތި ޖަރީމާތައް ހިންގާފައިވާއިރު، އެލްޓީޓީއީ އިން ދީފައިވާ ނުރައްކާތެރި ހަމަލާތަކުގެ ހަނދާންތައް މިއަދުގެ ބޮމުގެ ހަމަލަތަކާއެކު ވަނީ އާވެފަ އެވެ.

އޭގެ ތެރޭގައި، އެގައުމުގެ މަރުކަޒީ ބޭންކަށް ދިން ހަމަލާގެ އިތުރުން، ކެންޑީގައި ހުންނަ މަޝްހޫރު ބުދު ފައްޅިއަށް ދިން ހަމަލާ ފާހަގަކޮށްލެވެ އެވެ.

ހަނގުރާމަ ނިމުނު ފަހުން 10 އަހަރު ފާހަގަކުރަން ތައްޔާރުވަމުން އަންނަ އިރު، މިއަދު ދިން ހަމަލާތަކާއެކު މުޅި ގައުމަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ.

މިއަދުގެ ހަމަލާތަކުގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވި ނަމަވެސް، ހަމަލާތައް ރާވާފައިވާ ފުރިހަމަކަމާމެދު ސަލަމާތީ ބާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި ހަމަލާތަކަކީ ލަންކާގައި ނުރައްކާތެރި ހާލަތެއްގެ ފެށުމުގެ ގޮތުގައި، މިހާރުވެސް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އަދި ސީރިއާ ފަދަ ގައުމުތަކުގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން އުޅުނު ހަނގުރާމަވެރިން އެނބުރި ލަންކާއަށް އަންނަ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، މިއަދުގެ ހަމަލާތަކާއެކު ލަންކާގައި އަލުން ޓެރަރިޒަމްގެ އަމަލުތައް ފެށިފައިވާ ކަމުގެ ބިރުވެރިކަން ވަނީ ރަނގަޅަށްވެސް ފެތުރިފަ އެވެ.