ދުނިޔެ

ދެހިވަލަ ޒޫ ކައިރިން އިތުރު ބޮމެއް ގޮއްވާލައިފި

Apr 21, 2019

ސްރީލަންކާގެ ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގައި އިތުރު ބޮމެއް ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދެހިވަލަ ޒޫ ކުރިމަތީގައި ހުންނަ ހޮޓަލެއްގައި ބޮން ގޮއްވާލި ހާދިސާގައި މިހާތަނަށް ދެ މީހުން މަރުވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ތިން ހޮޓަލަކަށް ވެސް ބޮމުގެ ހަމަލާތަކެއް ވަނީ ދީފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މިއަދުގެ ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބޭކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފަ އެވެ. އެމްބަސީގެ އޮފިޝަލަކު "އަވަސް" އަށް މައުލޫމާތު ދިން ގޮތުގައި، މިއަދުގެ ހަމަލާގައި ޒަހަމްވި މީހުން ގެންދިޔަ ހޮސްޕިޓަލުތައް ބަލާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ހިމެނޭކަމެއް އަދި އެނގެންނެތް ކަމަށެވެ.

"ޒަހަމްވި މީހުން ގެންދިޔަ ހުރިހާ ހޮސްޕިޓަލެއް އަޅުގަނޑުމެން ބަލައިފިން. އެއިން އެއްވެސް ހޮސްޕިޓަލެއްގައި މަރުވި މީހުންގެ އިތުރުން ޒަހަމްވި މީހުންގެ ތެރޭގައި ވެސް ދިވެއްސެއް ނުހިމެނޭ،" އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދު ހަމަލާދިން ތިން ހޮޓަލުގައި ދިވެހިން ތިބިތޯ އަދިވެސް ބަލަމުން އަންނަކަމަށް އޮފިޝަލު އިތުރަށް ވިދާޅުވި އެވެ.