ދުނިޔެ

"ހަމަލާދިން މީހުން ދެނެގަނެވިއްޖެ، ވަރަށް އަވަހަށް ހަޔަރުކުރާނަން"

Apr 21, 2019
2

މިއަދު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށާއި، އެމީހުން ވަރަށް އަވަހަށް ހައްޔަރުކުރާނެ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވެއްޖެ އެވެ.

"މިގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން. އަދި ފާއިތުވި ދުވަސްތަކުގައި އެފަދަ މީހުން ކުރަމުންދިޔަ ކަންކަން ހުއްޓުވާނަން،" ވިޖޭވަރުދަނަ ވިދާޅުވި އެވެ.

ނަމަވެސް، މިއަދު ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް މިނިސްޓަރު ސީދާ ވިދާޅެއްނުވެ އެވެ.

މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ތިން ހޮޓަލަކަށް ބޮމުގެ ހަމަލާތަކެއް ވަނީ ދީފަ އެވެ. އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، މައި އެއާޕޯޓު ކައިރީގައި އޮންނަ ޑެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 185 މީހުން މަރުވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މިއަދުގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށް ލަންކާ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ކޮންޓްރޯލްކޮށްފަ އެވެ. މައުލޫމާތު ލިބޭގޮތުގައި، ފޭސްބުކް، ވައިބާގެ އިތުރުން ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ނުކުރެވޭގޮތަށް ވަނީ މިހާރު ވަނީ ހަދާފަ އެވެ.

އޭގެ އިތުރުން، މިއަދު ހަވީރު 6:00 ން ފެށިގެން މާދަމާ ހެނދުނު 6:00 އާ ހަމައަށް ފުލުހުން ކާފިއު ހިންގާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.