ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު ލަންކާގައި ތިބި ދިވެހިން ފުރަން ދާއިރު ޗެކްޕޮއިންޓްތަކުން ބަލައި ފާސް ކުރާނެ ކަމަށް ވިސްނައި ފަސޭހައި ފެންނާނެ ގޮތަށް ޕާސްޕޯޓާއި ޓިކެޓް ގެންދިއުމަށް އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދަތުރުވެރިންނަށް އެއާޕޯޓަށް ގޮސް އައިސް ހެދޭނެ ކަމަށައި ނަމަވެސް މުޅި ލަންކާއަށް ކާފިއު ހިންގާފައި އޮތުމުން ފުރަން ބަންޑާރަނަޔަކަ އެއާޕޯޓަށް ދާއިރު ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ އެއާޕޯޓަށް ފުރަން ދާނަމަ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާން ސްރީލަންކަން އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ އެއާޕޯޓުގައި ވެސް ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފަ އެވެ.
ސްރީ ލަންކަން އެއާލައިންސް އިން ބުނީ ލަންކާއިން ފުރާ ހުރިހާ މީހުންގެ އެއާޕޯޓް ގްރައުންޑް ހޭންޑްލިން ކަންކަން ކުރާނީ އެ އެއާލައިނުން ކަމަށައި އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާތީ ހުރިހާ އެއާލައިނެއްގެ ވެސް ގްރައުންޑް ހޭންޑްލިން އެޖެންޓަކީ ސްރީ ލަންކަން ކަމަށެވެ.