ރިޕޯޓް

ރަށު ކައުންސިލަރުން ކީއްކުރާ ބައެއް؟

އަންނަ ކައުންސިލް އިންތިހާބަށް މިހާރުއްސުރެ ބައެއް ފަރާތްތަކުން ކެމްޕޭން ފަށާފައިވާތަން ސޯޝަލް މީޑިއާއިން ފެނެ އެވެ. އެފަދަ ކެމްޕޭން ޕޯސްޓަރަކަށް އަމާޒުވާ ގޮތަށް އާންމު މީހަކު ކޮމެންޓެއް ކުރި އެވެ. އޭނާގެ ކޮމެންްޓްގައި ބުނަނީ "ޖާބިރު ވިދާޅުވާ ގޮތަށް ކޮފީގައި އަޗާ ތަޅަން އެންމެ ގިނަ ވަގުތު ދުއްވާލަނީ ރަށްރަށުގެ ކައުންސިލަރުން" ނޭ އެވެ.

އެއީ ފަހަރެއްގައި ތެދަކަށް ވެދާނެ އެވެ. އަދި އޭނާއަށް ތާއީދުކޮށް އެހެން މީހަކު މިހެން ލިޔުނެވެ: "ކައުންސިލަރުންގެ ވަޒީފާއަކީ އޮފީހަށް ވަދެ ސައިން އިންވެފައި މުޅި ރަށުތެރެއާއި ކެފޭތަކާއި، އެތަން މިތަނުގައި ސަޅި ބައިސާ ކަނޑަން ތިބުން. ރައްޔިތުން ތިބި ހާލެއް ކިރިޔާ ބަލާލާނީ ގުދުރަތީ ކަމެއް ދިމާވެގެން ފެންބޮޑުވުން ފަދަ ކަމެއްގައި ރިޕޯޓެއް ހަދަން ޖެހުމުން... އެނޫން އެއްވެސް ކަމެއް ކުރާ ބައެއް ނޫން އެއީ، އެއީ އަޗާތެޅުން ނޫންތަ؟"

މައި ސަރުކާރުން ހުރިހާ ހިދުމަތެއް ދިނުމުގެ ބަދަލުގައި ކައުންސިލްތަކުން އެ ރަށެއް ނުވަތަ ދާއިރާއެެއްގެ ކަންކަން ކުރުމަކީ ރައްޔިތުންނާއި އެންމެ ކައިރިން ކަންކަން ކުރެވޭނެ މަގެވެ. މިހާރު ސަރުކާރު ހިންގާ އެމްޑީޕީއަކީ އަބަދުވެސް ލާމަރުކަޒީ ނިޒާމަށް ތާއީދު ކުރާ ޕާޓީއެކެވެ.

އެހެން އޮތް ނަމަވެސް ލާމަރުކަޒީ ގާނޫނާއި އެ ނިޒާމާއެކު ތިން އިންތިހާބެއް ބާއްވައި ތިން ބުރަށް ކައުންސިލަރުން ހޮވައި ކައުންސިކްތަކުގެ ބެލުމުގެ ދަށުން ކަންކަން ދިޔައިރު ނުކުތް މޮޅެއް ނަތީޖާއެއް "ޓައި އަޅައިގެން އަޗާ ތެޅުން" ފިޔަވައި ނެތެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރު ކަނޑުވައިލީ ކަނޑުވާލަން ވެގެން. ރައީސް ނާސިރުގެ ޒަމާނުގައި ގެނައި ކައުންސިލް ނިޒާމް އުވާލަން ޖެހުނީ ވެސް މިކަން މިހެން ދިމާވެގެން." ބޭފުޅަކު ވިދާޅުވި އެވެ.

ބާރުތައް ހުރިހާ ސަރުކާރެއްގައި ވެސް އެކި ސިފަ ސިފައަށް އަތުލައި ހިފަހައްޓަ އެވެ. އެކަމަކު ކައުންސިލްތަކުގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭ މައި ސަރުކާރުގެ ހުއްދައާއި ނުލާ ކުރެވިދާނެ ކަންކަން ވެސްް ގިނަ ކައުންސިލްތަކުން ކޮށްފައެއް ނެތެވެ. އާންމު މީހުން ކޮށްފައިވާ ކޮމެންޓްތަކުގައިވާ ގޮތަށް ގިނަ ރަށްރަށުން ފެންނާން އޮތް ހަގީގަތަކީ ވެސް އެއީ އެވެ. "ކުރާ ކަމަކީ އަޗާތެޅު" މެވެ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ގިނައިން ހުރީ އެލްޖީއޭއަށް ބޭނުންވާ މައުލޫމާތުވެސް ހިއްސާ ނުކުރާ ކައުންސިލަތަކެވެ. ގިނަ ކައުންސިލްތައް ހިންގާފައިހުރީ އުސޫލުތަކަށް ފެތޭގޮތަކަށް ވެސް ނޫނެވެ.

"އެކަން އެގޮތަށް ދިމާވުމުގައި ރައްޔިތުންގެ މައްސަަލައެއް ވެސް އެބަ އޮތް. ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރަނީ އެކަމަށް އެންމެ އެކަށީގެންވާ މީހުނެއް ނޫން. މީހަކު ހޮވާއިރު ވޯޓް ދެނީ ގާބިލް މީހާއަށްތޯއެއް ނުބަލާ. ބަލަނީ ޕާޓީގެ ވިސްނުމަށް ނުވަތަ އާއިލާގެ މީހަކު ކައުންސިލަށް ގެންނަން. އެއީ ކައުންސިލް އިންތިހާބުގެ ތޮބީއަތް،" ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ބޭފުޅަކު ވިދާޅުވި އެވެ.

ސިވިލްސާވިސްގެ ތަޖުރިބާކާރަކު ވިދާޅުވާ ގޮތުގައި ކައުންސިލް ނިޒާމް ރާއްޖޭގައި އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ. މިހާރު އޮންނަ ގޮތަށް ބަދަލުތަކެއް ގެނެސްގެން ނޫނީ ކުރާނެ ހެނެއް ހީއެއް ވެސް ނުވެއެވެ. އޭނާ ވެސް ގަބޫލު ކުރައްވާ އެއް ކަމަކީ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ ޒިންމާ ނަގަންޖެހޭ އަދި އެޑްމިނިސްޓްރޭޓިވް ދައުރެއްވެސް އޮންނަ އެ މަގާމުތަކަށް ގާބިލް ނޫން މީހުން އިންތިހާބުވަނީ އެވެ.

"އެއީ ކައުންސިލަރު އަބަދު ކޮފީ މޭޒުދޮށުގައި ހޭދަކުރާ ސަބަބު،" އޭނާ ވިދާޅުވި އެވެ. "ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބު ކުރާ ކައުންސިލަށް ވަޑައިގަންނަވާ ކައުންސިލަރުން ސަރުކާރާއި ގުޅިގެން 'ޕަބްލިކް އިންޓްރެސްޓް' ނުވަތަ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރާ މީހަކަށްވާން ޖެހޭ. އެކަމަށް ގާބިލު މީހަކަށް ވެސް ވާންޖެހޭ، އެހެން އެކަން ނުވެ ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނެ މަގު ވަރަށް ބޮޑަށްވެސް ހަނިވެގެންދާނެ، އަނެއްކާވެސް ކައުންސިލްތަކަށް މީހުން ހޮވާ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަޔަށް އޮންނަ ރަށެއްގައި ކައުންސިލަށް ރަށުގެ ދަނޑުވެރިކަމުގެ ތަފާސް ހިސާބު އެއް ކުރެވިފައެއް ނުހުރެ އެވެ. ގެސްޓް ހައުސް ވިޔަފާރިއަށް ފައްކާވެ 200 އަށްވުރެ ގިނަ އެނދު ހުރި ރަށެއްގެ ކައުންސިލަރަކަށް އެ ރަށުގެ ޓުއަރިޒަމްގެ މައުލޫމާތު ދެވޭގޮތެއް ނުވެއެވެ. އެ ތަފާސް ހިސާބުވެސް އެއްކޮށްފައެއް ނުހުރެ އެވެ. މިއީ މައި ސަރުކާރުން މާބޮޑެތި ބާރުތަކެއް ދީގެން ކުރަން ޖެހޭ ކަންކަމެއް ނޫނެވެ. މިއީ ރަށުގެ ވެރިންގެ ގޮތުގައި ރައްޔިތުން އިންތިހާބު ކުރާ ފަރާތްތަކަށް އަދި އިދާރީ ނިޒާމެއްވެސް އޮވެގެން އެނގެން ޖެހޭ ކަންކަމެވެ.

"ކައުންސިލްގައި ތިބި ބަޔަކަށް ނޭނގޭނެ މި ރަށުގައި ރަޖިސްޓްރީ ކޮށްފައިހުރީ ކިތައް ގެސްޓް ހައުސް ކަމެއް، އަދި މިރަށަށް މިކަމުގެ ސަބަބުން ކިހާ އަންމުދަނީއެއް ވަންނަ ކަމެއްވެސް. މީގެ އިތުރުން ހަރުދަނާ އުސޫލުތަކެއް ހަދާކަށް ވެސް އެމީހުންނަކަށް ނޭގުނު ގެސްޓުން ރަށުތެރޭ ނިވާކަންކުޑަ ހެދުމުގައި އުޅޭކަމުގެ ޝަކުވާ ރައްޔިތުން ކުރުމުން ވެސް. މި މީހުންނަކަށް ނޭނގުނު ވާންވީ ގޮތެއް. މިވަރު ކައުންސިލަކާއެކު ކިހިނެއް ރަށެއް ތަރައްގީވާނީ" ގެސްޓްހައުސްއެއްގެ ވެރިއަކު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު އަންނަނީ އެވެ. ކެމްޕޭން ފެށިއްޖެ އެވެ. އެކަމަކު ރަނގަޅު ތަނަށް ރަނގަޅު މީހާ ލައިގެން ނޫނީ ރަނގަޅު ނަތީއްޖާއެއް ނުނުކުންނާނެ އެވެ. އެހެން ނޫން ނަމަ ދެން ފެންނަން ފަށާނީ އެމީހުންގެ މައްސަލައަށްވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމްގެ މައްސަލަ އެވެ.