ހަބަރު

"ބެލި މައްސަލަތަކުން ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބެންޖެހޭ"

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް ބެލި މައްސަލަތަކުން އެކަނި ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަަމަށް އެ ކޮމިޝަންގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭސީސީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މުއައްވިޒު ވިދާޅުވީ، ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ ހޯދައި އެކަން ހަރުދަނާ ނިޒާމެއްގެ ތެރޭ ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

"މިފަދަ ނިޒާމެއް ނެތް ނަމަވެސް ދައުލަތަށް ލިބެންޖެހޭ އެތައް ފައިސާއެއް ނުލިބިވާކަން ފާހަގަ ކުރަންޖެހޭ، މިހާތަކަށް އޭސީސީއިން ބެލި މައްސަލަތަކުން އެކަނިވެސް ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ވަނީ ފާހަގަ ކުރެވިފައި،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ، ކޮމިޝަންތަކުން ހަދާ ދިރާސާތަކަށް ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިކަން ބައެއް ފަހަރު ނުލިބޭ ކަމަށާއި އެކި ދިރާސާތައް ހެދުމަށްފަހު ރަނގަޅު ކުރުމަށް އަންގާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ރަނގަޅު ކުރަމުން ވެސް ނުދާ ކަމަށެވެ.

"ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް އިންތިޒާމް ކުރަންޖެހޭ، އެކަން ކުރެވޭނީ ދެފުށް ފެންނަ ގޮތަކަށް އިދާރާތަކުގެ މަސައްކަތްތައް ބައްޓަން ކުރެވިގެން،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ދެފުށް ފެންނަ ގޮތެއްގައި ހިންގުން ބައްޓަން ކުރުމަކީ މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ، ވަކިމީހެއްގެ މޫނަށް ވަކި މުއައްސަސާއަކަށް، ވަކި ޕާޓީއަކަށް ބެލުމެއްނެތި ގާނޫނާއި ގަވާއިދަށް އަމަލު ކުރުމުގެ މުހިންމުކަން މިހާރުވެސް ފެނިގެން އެބަދޭ، ކޮރަޕްޝަން ވަކިތަކުން އެއްވެސް ގައުމެއް ސަލާމަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ އަމަލުތައް ހޯދައި ބަލައި ފިޔަވަޅު އެޅުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ކުރަން ޖެހިފައިވާ ކަމެއް،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ، ކޮމިޝަނުން މިހާރު ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ވަރަށް ގިނަ ކަމަށާއި އެމައްސަލަތަކުން ފާހަގަ ކުރެވޭ ކަންތައްތައްވެސް ސީރިއަސް ކަމަށެވެ.

"މިމައްސަލަތައް އަވަހަށް ނިންމައި ފިޔަވަޅު އެޅުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކޮމިޝަނުން ދަނީ ކުރަމުން، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގައި ކަންކަން ހައްލު ކުރުމަށްޓަކައި ހިންގާ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް އެކަންކަން ތަންފީޒު ކުރުމަށްޓަކައި ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ކޮމިޝަނުން މިހަފްތާއިން ފެށިގެން ބައްދަލުވުންތައް ކުރިއަށް ގެންދާނަން،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ޒީރޯ ޓޮަލަރެންސް ސިޔާސަތަކީ އޭސީސީގެ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެސިޔާސަތަކަށް އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ.