ހަބަރު

މަރުތައް ބަލާ ކޮމިޝަނަށް ރިޔާޒް ހާޒިރު ކުރާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހާޒިރުކުރާނެ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

ރިޔާޒް ހާޒިރުކުރަން ނިންމާފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަަލާގައި ތަހުގީގަށް ސުވާލު ކުރުމަށެވެ.

އާންމު ފަރާތަކުން ޓްވިޓާގައި ރިޔާޒް ކޮމިޝަނަށް ހާޒިރު ކޮށްފައިވޭތޯ ކުރި ސުވާލަށް ޖަވާބުދެމުން ކުރި ޓްވީޓްގައި ބުނެފައިވަނީ އެކޮމިޝަނަށް ރިޔާޒް އަދި ހާޒިރު ނުކުރާ ކަމަށާއި އެކަމަކު އަދި އެކޮމިޝަނަށް ހާޒިރު ކުރާނެ ކަމަށެވެ.

ޑރ. އަފްރާޝީމް އަލީ ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލެއްވިއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ރިޔާޒު ވަނީ އެ މަރާ ގުޅޭ މައުލޫމާތުތައް ވަގުތުން ޖެހުމުން ހާމަ ކުރައްވާނެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. އަހަރެއްހާ ދުވަހަށް އެ މައްސަލަ ތަހުގީގު ކުރީ ވެސް ރިޔާޒުގެ ކޮމިޝަނާ ކަމުގެ ތެރޭގަ އެވެ.

އޭގެ ފަހުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ރިޔާޒު ވިދާޅުވީ، އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގައި ލިބިފައި ހުރި ހުރިހާ މައުލޫމާތުތަކެއް ހުންނާނީ ފުލުހުންގެ އިދާރާގައި ކަމަށާއި އޭނާއަށް ލިބިފައު ހުރި މައުލޫމާތަކީ ފުލުހުންގެ ކޮމިޝަނާ އަކަށް ހުރެގެން ލިބުނު މައުލޫމާތުތަށް ކަމަށެވެ. އަދި، ފުލުސް އިދާރާގައި ހުރި އެ މައުލޫމާތުތައް މިހާރު ވާނީ ރައީސް އުފެއްދެވި މަރުތައް ބަލާ ކޮމިޝަނުން ހޯދާފައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ، ކޮމިޝަަނުން އެ މައްސަލަ އާ ގުޅޭ ގޮތުން ހުރިހާ މައުލޫމާތުތައް ނަންގަވާފައިވާތީ އިތުރަށް ދޭން ޖެހޭ މައުލޫމާތެއް އޮތިއްޔާ އެކަން އަންގާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ކޮމިޝަަނަށް މިހާރު ލިބިފައި ހުރި އެންމެ ފަހުގެ މައުލޫމާތުުތައް އެއްކޮށް އަންނަ ޖުލައިގައި ރިޕޯޓެއް ނެރުއްވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މީގެކުރިން ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް ޝަރީއަތް ހިންގައި ކުށް ސާބިތުވީ އެންމެ މީހަކަށެވެ. އެއީ ހުސެއިން ހުމާމަށެވެ. އޭނާއަށް ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ މަރުގެ އަދަބު އިއްވާފަ އެވެ.

އަފްރާޝީމް އަލީގެ މަރާ ގުޅޭ ވީޑިއޯއެއް މަރުތަކާ ބެހޭ ކޮމިޝަނުން މިދިޔަ ޖެނުއަރީ މަހު އާންމުކޮށް އެއިން ފެންނަ ދެ މީހަކު ހޯދުމަށް އާންމުންގެ އެހީއަށްވެސް ވަނީ އެދިފަ އެވެ.