ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް މަރުތަކާއި ބެހޭ ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އޮކްޓޫބަރު 1، 2012 ގައެވެ. އޭރު ކޮމިޝަނަރު އޮފް ޕޮލިސްއަކަށް ހުންނެވީ އަބްދުﷲ ރިޔާޒެވެ. ރިޔާޒް ވަނީ އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން އެނގިވަޑައިގަންނަވާ މައުލޫމާތު ރަނގަޅު "ޕްލެޓް ފޯމް"އެއް ލިބުމުން ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މައުލޫމާތު ހާމަކުރުން ލަސްވަނީ ކޮން "ޕްލެޓް ފޯމް"އެއް ނުލިބިގެންތޯ ބުނެ ގިނަ މީހުން ދަނީ ސުވާލު ކުރަމުންނެވެ.
ރިޔާޒް މިއަދު ވިދާޅުވީ ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް މަރުތަކާއި ބެހޭ ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ މެންބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބުދީފައިވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު މައުލުމާތުތަކާއި އެ މަރުގެ ފަހަތުގައިވާ މީހުން ވަރަށް އަވަހަށް ހަމާ ކުރާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ކޮމިޝަނުން އެކަން ހާމަކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފަ އެވެ. އަދި އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ވެސް ރައީސްއާ ހިއްސާކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަފްރާޝީމަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަރުގެ ހަގީގަތް ހޯދުމަށް އުފެއްދި ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގެ ފަހަތުގައި ވެސް ތިބީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ކަމަށެވެ.