ވާހަކަ

ބޭނުންވަނީ ޔާރާ

(17 އެޕްރިލް 2019 އާ ގުޅޭ)

ދާއިންއަށް ކުއްލިއަކަށް ހަނދާންވީ މަންހާއާއި ކުރެވުނު އިންޓަރވިއުއެވެ. އެދުވަހު އޭނަ ބުނީ ތެދުކަމުގައި އޭނަ އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ. މަންހާ ދޮގެއްނުހަދައެވެ. މަންހާ ދިޔަދިމާލަށް ބަލަހައްޓައިގެން ދާއިންއަށް ހުރެވުނީއެވެ.

"ހާދަ ލަސްވެއްޖެޔޭ، މިނޫނީ އޮފީހުގަ ކަމެއް އޮވެއްޖެނަމަ މަންހާ ގުޅާފަ ބުނާނެ ލަސްވެދާނެއޭ، އަނެއްކާ ކިހިނެތްބާވީ" ވަސީމާ ބުނެލިއެވެ. ސިޓިންރޫމުގައި އާއިލާގެ ހުރިހާ މެމްބަރުންނާއިއެކު ވިޝާލް އާއި ޖެނީވެސް އިނެވެ. އެންމެންގެ ހާސްކަން ގުޅިފައިވަނީ މަންހާ އާއިއެވެ.

"އަޅުގަނޑު ވަރަށް ގުޅިން، މަންހާގެ ފޯނު އޮންނަނީ ނިންވާލާފަ" ވިޝާލް ބުނެލިއެވެ.

ދާއިންގެ ކާރުގައި ދުއްވަމުންދިޔައީ މަންހާގެ ގެއާއި ދިމާލަށެވެ. އެދެމެދުގައިވަނީ ހަމަހިމޭންކަމުގެ ފަރުދާއެއް ދަމާލެވިފައެވެ. މަންހާއަށް ދާއިންއަށް އިތުރަށް ބަލާލާކަށް ނުކެރުނެވެ. އެހެންނަސް ދާއިން އިރުއިރުކޮޅާ މަންހާއަށް ބަލާލައެވެ. އެއަންހެން ކުއްޖާއަށް އޭނަ އެހާ ކަމުދިޔައީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އޭނަ މަންހާގެ ސަބަބުން އިތުރުކަމެއްގެ މަތިންވެސް ހަނދާންވެގެންދިޔައެވެ. އޭންޖެލް، މަޑުމަޑުން ހިތާހިތާ ކިޔާލެވުނެވެ. އަނެއްކާ އެއީ އޭންޖެލް ބާއެވެ. ދާއިންގެ ހިތުގެ ހިނގުންއަވަސްވިއެވެ. ކާރުގެ އޭސީއިން ދާއިންގެ ޓީޝާރޓުގެ މޭމަތީ މަންހާގެ ކަރުނުން ތެމިފައިހުރި ތަނުން ފިނިކަންއިޙްސާސް ކުރެވެމުންދިޔައެވެ. އޭނައަށް މޭގައި ދެފަހަރަކު އަތްހާކާލެވުނެއެވެ.

ގެއާއި ހަމައަށް އާދެވުމާއިއެކު މަންހާ ކާރުން ފޭބީ ދާއިން ކައިރީ ދަނީއޭވެސް ބުނެނުލައެވެ. އޭރު ގޭ ދޮރުމަތީ ފޯނު ހިފައިގެން ހުރި ޝަރަފްއަށް މަންހާ ފެނުނެވެ. ޝަރަފް އަވަސް އަވަހަށް ކާރުގައި އިނީ ކާކުތޯ ބަލާލިއެވެ. ދާއިން ކާރު ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮއްލަމުން ހިނިތުންވެލިއެވެ. އެހެންނަމަވެސް ޝަރަފް އެނބުރުނީ މަންހާ އާއި ދިމާލަށެވެ. އޭނަގެ މޫނުމަތިން ރުޅިވެރިކަން ދާއިންއަށްވެސް ފާޅުވެގެންދިޔައެވެ. ދާއިން ކާރު ދުއްވާލީއެވެ. މަންހާ މަޑުކުރުމެއްނެތި އަވަސް އަވަހަށް ގޭތެރެއަށް ވަދެގެންދިޔައެވެ. ޝަރަފްވެސް އަވަސް ފިޔަވަޅުގައި އޭނަގެ ފަހަތުން ގޭތެރެއަށްވަނެވެ.

"ދަރިފުޅު ލަސްވާނެކަން މަންމައަށް އަންގާނުލީ ކީއްވެތަ؟ ދޮންބެ ދަރިފުޅުގެ އޮފީހަށްވެސް ގުޅި، އެކަމަކު ފޯނެއްނުނަގާ..........އަނެއްކޮޅުން ދަރިފުޅުގެ ފޯނުވެސް އޮތީ ނިންވާލާފަ......." ވަސީމާއަށް ދޮރުންވަތް މަންހާ ފެނުމާއިއެކު ވާހަކަދައްކަން ފެށިއެވެ.

"މަންހާ، ދަރިފުޅު ފޯނު ނިވުނީތަ؟ ކީއްވެ އޮފީސް ފޯނުން ގުޅާނުލީ؟ މަންމަ އާއި ބައްޕަ މިތިބީ ވަރަށް ކަންބޮޑުވެފަ......އެއްޗެއް ކައިފިންތަ ދަރިފުޅު، ވަރަށް ވަރުބަލިވެފަ ދޯ ތިހުރީ........" ސަޢީދުވެސް ސޯފާއިން ތެދުވަމުން ވާހަކަދެއްކިއެވެ.

"ސޮރީ......އަޅުގަނޑުގެ ފޯނު ނިވުނީ.....ދެން އެކަހަލަ ކަމެއްނުވާނެ......" މަންހާއަށް އާއިލާގެ މީހުން ކަންބޮޑުވެފައި ވާވަރު ފެނުނެވެ. އަދި ދުރުގައި ވަކިންއިން ސޯފާގޮނޑީގައި އިށީނދެގެން އިން ވިޝާލްއަށް ބަލާލިއެވެ. އޭނަގެ ދާދިގާތުގައި ކަހަލަ ގޮތަކަށް ޖެނީ ހުއްޓެވެ. ޝަރަފް އެތަނުގައި މަޑުކުރުމުގެ ބަދަލުގައި ވަދެގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ.

"މަންމާ........އޭނަ އެހެރީ ވަރަށް ވަރުބަލިވެފަ ކަންނޭގެ، މަންކޮ ދޭ ކޮޓަރިއަށް، ގޮސް ފެންވަރާ ތާޒާ ވެލަން ވާއިރަށް ކާންތައްޔާރު ކުރާނަން........ބޮޑުކަމެއް ދިމާނުވާކަން މިހާރު އެންމެނަށްވެސް އެނގިއްޖެއެއްނު، ދެން އެކުން ކަންތައް ބޮޑުކޮއްލާކަށް އަޅުގަނޑަކަށް ނުފެނޭ، ކީކޭތޯ މަންމަ ބުނަނީ" ޖޫން އަވަސް އަވަހަށް މަންހާގެ އަތުގައި ހިފައިގެން މައްޗަށް އަރަން އިން ސިޑިއާއި ދިމާލަށް ދަމުން ބުނެލިއެވެ.

"އާން.............އާން..........ތީތެދެއް، ދަރިފުޅު ސަލާމަތުން ގެއަށް އައީތީ ހުރިހާ ހާސްކަމެއް ފިލައިފި، ޖޫން ބުނިހެން ދޭ ފެންވަރާ ތާޒާވެލަން" ވަސީމާވެސް ހިނިތުންވެލަމުން ޖޫންއާއި އެއްބަސްވިއެވެ.

ވިޝާލްގެ ނަޒަރު މަންހާއާއި އެންމެ ހިނދުކޮޅަކަށްވެސް ވަކިނުވެއެވެ. އެހެން އެކަކަށްވެސް ފާހަގަ ނުކުރެވުނު މަންހާގެ ރަތްވެފައިވާ ދެލޯ ވިޝާލްއަށް ފާހަގަ ކުރެވުނެވެ. މަންހާއަށް ކޮންމެވެސް ކަމެއްވެއްޖެކަން ގައިމެވެ. އޭނަ މަންހާގެ ގާތަށް ދާން ކިތަންމެ ބޭނުންވެފައި ހުއްޓެއްކަމަކު އިންތަނުން ގުޑިލަންވެސް ނުކެރުނެވެ. އޭނައަށް އަނެއްކާވެސް ބަލާލެވުނީ އޭނަގެ ފޯނަށެވެ. ބަރާބަރު ސަތޭކަ ވިހި ފަހަރު އޭނައަށް މަންހާއަށް ގުޅިއްޖެއެވެ.

"ވިޝާލް......ހިނގާ ދަމާ، ލެޓްސް ގިވް ދެމް ޓައިމް ޓު ޑީލް ވިތް ހާ...........އަހަރުމެން ވާހަކަ ދައްކާނީ ފަހުން" ޖެނީ ވިޝާލްގެ ގޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. ޖެނީއަށްވެސް ވަނީ ބުނެދޭންނޭގޭ ގޮތްތަކެއްވެފައެވެ. ޝަރަފްގެ ސަބަބުންނެވެ. ޖެނީ އެގޭތެރޭގައި އުޅުނެއްކަމަކު ޝަރަފްއަށް އެކަން ފާހަގައެއް ނުކުރެވުނެވެ. ކޮންމެވެސް ކަމަކާ އޭނަ ހިތްހަމަ ނުޖެހިފައިވާކަން ޖެނީއަށް އެނގެއެވެ. އެހެންނަމަވެސް އެކަން ގުޅިފައިވަނީ އޭނަ އާއި ކަމެއް ނޫނީ އެއީ މަންހާގެ ސަބަބުން އޭނަ ކަންބޮޑުވެފައިވާވަރު ކަމެއް ބުނާކަށް ނޭގެއެވެ. ޖެނީއަށްވެސް ޝަރަފްގެ ކޮޓަރި އާއި ދިމާލަށް ދާކަށް ނުކެރުނެވެ. އެންމެފަހުން ވިޝާލް އާއިއެކު އެގެއިން ނުކުތީ ގެއަށްދިއުމަށެވެ.

ފެންމާގަނޑުން އޮހެމުންދިޔަ ފެންތަށް މަންހާގެ ބޮލުގައި ބޮސްދެމުން ހަށިގަނޑުން ފައިބައިގެންދެއެވެ. އެހެންނަމަވެސް ސިކުނޑީގައިވާ ހާސްކަން އެފެންތަކާއިއެކުވެގެން ފައިބައިގެނެއް ނުދިޔައެވެ. އަދިވެސް އެދެލޯވަނީ ފެންކަޅިވެފައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަފައިބަމުންދާކަން ނޭގެނީ މާގަޑުން އޮހެމުންދާ ފެންތަކުގެ ތެރޭ އެކަރުނަތިކިތައް ފޮރުވިފައިވާތީއެވެ. މަންހާއަށް ދޭތެރެ ދޭތެރެއިން މޭގައި އަތްޖައްސާލެވެއެވެ. މަޑުއާހެއްގެ ގޮތުގައިވެސް އެތުންފަތުން ބޭރުވެގެންދަނީ ދާއިންގެ ނަމެވެ.

ވަސީމާ ބުނެގެން ޖޫން އައިސް މަންހާގެ ކޮޓަރިއަށްވަނެވެ. އެހެންނަމަވެސް އޭރުވެސް މަންހާ ހުރީ ފާހާނާގައެވެ. ޖޫންއަށް ފާހާނާގެ ތެރެއިން އޮހެމުންދާ ފެންތަކުގެ އަޑުއިވުނެވެ. އޭނަ މަންހާއަށް ގޮވާލިއެވެ. އަދި ކާން ތައްޔާރު ކުރެވިފައި ހުރިކަމާއި އަވަސްކޮއްލައިގެން ކާންއައުމަށް ބުންޏެވެ. މަންހާގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނު ކަމުގައިވިޔަސް ޖޫން އެކޮޓަރީގެ ދޮރު ލައްޕާލަމުން ނުކުމެގެން ދިޔައެވެ.

ގަޑިއެއްހާއިރުފަހުން މަންހާ ފާހާނާއިން ނުކުތެވެ. އަދި ކޮޓަރީގައި ހުރި ރީތިވާމޭޒުގެ ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ބޮލުގައި އޮޅާލެވިފައިވާ ތުވާލި ނައްޓާލަމުން ލޯގަނޑުން އޭނަގެ މޫނު ބަލާލިއެވެ. ދެލޮލުގެ ވިދުން ގެއްލިއްޖެއެވެ. މަންހާ ސިހިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. އަވަސް އަވަހަށް ތެދުވެ ގައިގާ އޮޅާލެވިފައިވާ ތުވާލި ނައްޓާލަމުން އެނދުގެ ކޮޅުގައި އަޅުވާލެވިފައިވާ ނިދަންލާ ކުރުތާ އާއި ހަރުވާޅު ލިއެވެ. އަދި އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ހިފަހައްޓާ ލައިގެން ހުރެ ކޮޓަރި ދޮރުހުޅުވިއެވެ.

"މަންކޮ ހާދަ އިރެއް ތިނަގަނީ، ލަސްވެގެން މިއައީ......މަންމަ ކާމޭޒު ކައިރީ އެބައިން މަންކޮ އަންނާނެ އިރަކަށް........އޯ.....ހާދަ ލޯ ރަތޭ، ފެންވަރާލީމަ އަދިމާ ވަރުބަލި ވެއްޖެދޯ......." ޖޫން ވާހަކަދައްކަމުން މަންހާގެ ލޯ ފެނުމާއިއެކު ބުނެލިއެވެ.

މަންހާއަށް ގޭތެރޭގައި ޝަރަފް އެއްވެސް ވާހަކައެއް ނުދައްކާކަން ޔަގީންވެއްޖެއެވެ. އެކަމަކު އެއީ ކީއްވެކަމެއް ނޭގެއެވެ. މަންހާ އިސްތަށިގަނޑުގައި ފުނާއަޅާލައިގެން މިދަނީކަމުގައި ބުނެލިއެވެ. އެހެންނަމަވެސް ޖޫން އެގޮތް ބޭނުމެއްނުވިއެވެ. އޭނަ މަންހާގެ ދަތްދޮޅީގައި ހިފާ މޫނު އުފުލާލަމުން އޭނަގެ އިސްތަށިގަނޑުގައި ފުނާ އަޅާދޭނީ އޭނަ ކަމުގައި ބުންޏެވެ. އަދި މަންހާގެ އަތުގައި ހިފައިގެން ގޮސް ރީތިވާ މޭޒުގެ ގޮނޑީގައި ބޭންދުމަށްފަހު މަންހާގެ އިސްތަށިގަނޑުގައި ފުނާއަޅަންފެށިއެވެ. އެކިއެކި ވާހަކަތައް ދައްކަމުން ޖޫން ދިއެއްކަމަކު މަންހާގެ ހިތާ ސިކުނޑީގައިވަނީ ދާއިންއެވެ. މިރޭ އޭނަ އެއައީ އޭނަގެ ލޯބި ދާއިންއަށް ހުށައަޅާފައެވެ. އެލޯބި އޭނަ ގަބޫލު ކުރާނީ ކިހިނެތްކަމެއް ހުދު މަންހާއަށްވެސް ހިޔާލަށް ގެންނަން ނޭގެއެވެ. އަނެއްކޮޅުން ޝަރަފްގެ ނިންމުމަކީ ކޮބާކަމެއްވެސް ނޭގެއެވެ. ވިސްނި ވަރަކަށް ސިކުނޑިއަށް ބަރުވަމުންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ ނުވިސްނާ ދޫކޮއްލެވޭވަރުގެ ކަމެއްނޫނެވެ.

ކާރުން ފޭބި ގޮތަށް ދާއިން އަވަސްވެ ގަތީ އޭނަގެ އޮފީހަށް ވަނުމަށެވެ. ކެބިންއަށް ވަދެވުމާއިއެކު އޭނަގެ ގޮނޑީގައި އިށީނދެ މޭޒުގެ ތަޅުލާފައި ހުންނަ ވަތްގަނޑު ހުޅުވާލިއެވެ. އަދި އޭގައި ހުރި އޮރެންޖު ކުލައިގެ ސިޓީ އުރަތަކުން ދެތިން ސިޓީ އުރަނެގިއެވެ. އަދި ކަނޑައިފައިވާ ތަނުން ސިޓީނަގާ ނޭފަތުގައި ޖައްސާލިއެވެ. ގޮނޑީގެ ތެރެއަށް ހަޑިގަނޑު ދޫކޮއްލި ދާއިންގެ ދެލޯމެރިގެންދިޔައެވެ.

"ތީ މަންހާތަ.........އަހަންނަށް ޖަވާބު ދީބަލަ، ތީ މަންހާތަ...........އޭންޖަލްއަކީ މަންހާތަ" ދާއިން އޭނަގެ އަތުގައި އޮތް ބަސްމޮށުންތެރިކަމެއް ލިބިފައިނުވާ ކަރުދާހާ ސުވާލުކުރަމުންދިޔައެވެ. މަރާލެވިފައިވާ ދެލޮލަށް މަންހާގެ ސޫރަ ސިފަވެގެންދިޔައީ ކުރިމަތީގައި މަންހާ ހުއްޓިލައިގެން ހުރިފަދައިންނެވެ. އަތުގައި އޮތް ސިޓީ ދެއަތުން ގެނެސް މޭގައި ޖައްސާލެވުނީ ލޯކުރިމަތިން މަންހާ އައިސް އޭނަގެ މޭގައި ލައްވިފަދައިންނެވެ. އޭނަގެ ހިތުގައި ދެވަނަ ވިންދެއް ޖަހަންފެށިކަހަލައެވެ. މުޅިހަށިގަނޑަށްވެސް ނޭގޭ އިޙްސާސްތަކެއް ކުރެވެމުންދިޔައެވެ. މީހަކަށް ނޭގުނު ކަމުގައި ވިޔަސް އެމަޑު އޮރެންޖު ކުލައިގެ ސިޓީއުރައަށް އޭނަ އިންތިޒާރު ކުރެއެވެ. ހިތުގައި ޙާއްސަ މަގާމެއްވަނީ އެފަރާތަށް ދެވިފައެވެ.

ކުޑަގޮތެއް ހަދާލުމަށްފަހު މަންހާ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އޭނަ ބޭނުންވަނީ އެކަނިވެލާށެވެ. ވަސީމާ މަންހާ ކޭލެއް މަދުކަމުން ޝަކުވާކުރިއެވެ. ޝިމާދު ވަސީމާއަށް ހިޔާލު ފާޅު ކުރީ މަންހާ ވަރުބަލިވެފަ ހުންނާނެތީ އަވަހަށް ނިދަން ފޮނުވުމަށެވެ. މަދުން ކެވުނީ އެހެންވެގެން ކަމަށްވުން އެކަށީގެން ވާކަމުގައިވެސް އޭނަ ބުންޏެވެ. ކާކޮޓަރީގެ ފާރުކައިރީ މަޑުކޮއްލައިގެން ހުރި ޝަރަފްގެ ނަޒަރުވަނީ މަންހާއަށް ހުއްޓިފައެވެ. ¬އޭނަ މަންހާ ގެއަށް އައިފަހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. މަންހާ ގޮނޑިން ތެދުވެގެން ކޮޓަރިއަށް ދިއުމަށް ސިޑިއާއި ދިމާލަށް ދިޔައެވެ. ވަކިހިސާބަކަށް ސިޑިން އެރުމާއިއެކު މަންހާގެ ފަހަތުން ޝަރަފް ދިޔައެވެ.

ކޮޓަރި ދޮރު ލައްޕާލާފައި އައިސް އެނދުގައި މަންހާ އިށިންނަން އުޅެނިކޮށް މީހަކު ދޮރު ހުޅުވާލިއެވެ. އެދިމާލަށް މަންހާ ބަލާލިއެވެ. ދޮރުމަތީ ހުރީ ޝަރަފްއެވެ. އޭނަ ތަންކޮޅެއް ބާރަށް ދޮރުލައްޕާލިއެވެ. މަންހާ އެކައްޗެއްވެސް ނުބުނެ އިސްދަށަށް ޖަހާލީއެވެ.

"އަދިވެސް ކިޔާދޭކަށް ނުވޭތަ؟" ޝަރަފްގެ އަޑުގައި ހުރި ހަރުކަށިކަން މަންހާއަށް އިޙްސާސް ކުރެވިގެންދިޔައެވެ. އެއާއިއެކު މުޅި މީހާވެސް ހީވީ ތުރުތުރު އަޅާލިހެނެވެ.

"އިތުރަށް ތިއްތޭއަށް ނޭގޭ ކަމެއް އެބައޮތްތަ؟" މަންހާ އިސްޖަހާލައިގެން އިންގޮތަށް ބުނެލިއެވެ.

"އާން......ގައިމެއްނު..........އަދި މިއެނގުނީ ތިކަމެއްގެ ދެބައިކޮއްފަ އެއްބައި ކަންނޭގެ.........މަންކޮ ކީއްވެތަ ދޮގުހެދީ.......އެހުރިހާ އެންމެނަށް ތީ އަހަރެންގެ ކޮއްކަން އެނގުމުން ދެންވާނީ ކިހިނެތް، އަހަރެން އެކޮއްކޮ އަކާއިމެދު ފަހުރުވެރިވާ ކޮއްކޮއަކީ މީހެއްގެ ސެކްރެޓަރީއެއްކަން އެނގުމުން ކިހާ މަލާމާތެއް ރައްދުވާނެ..........ވިޝާލް ހީކުރާނީ ކީކޭ........އެ ދާއިންގެވެސް ގޮތެއްނެތްކަމެއްނު، އޭނަ މަންކޮގެ ސެޓްފިކެޓްތައް ބަލާފަ އެވަޒީފާ ދީގެން ނުވާނެއެއްނު..........އެހެންނު ވާނީ، އަންހެން ކުއްޖަކު........." ޝަރަފް އައިސް ހުރި ރުޅިއާއިއެކު ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުންދިޔައެވެ. އޭނަގެ ވާހަކަތައް ހުއްޓުވާލީ މަންހާއެވެ.

"ތިއްތޭ.......ޕްލީޒް...........ޕްލީޒް.....އެއީ ދާއިންގެ ކުށެއްނޫނޭ، ކުށެއް ކުރިއްޔާ ކުރެވުނީ އަހަންނަށް، އަހަންނަށް މާފުކުރޭ ތިއްތޭ، ތިގޮތަށް ދާއިންއަށް އެއްޗެހި ކިޔުމުގެ ބޭނުމަކީ ކޮބާ؟ އޭނައަކީ ތިކަހަލަ މީހެއްނޫން، އެއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު އިންސާނެއް ދާއިންއަކީ" މަންހާ ދާއިންގެ ދިފާއުގައި ވާހަކަދެއްކިއެވެ. އަދި އޭނައަށް ރޮވުނީއެވެ. ދެކޮޅަށް ހިނގަ ހިނގާ ހުރި ޝަރަފް ހުއްޓި މަންހާއަށް ބަލާލިއެވެ. އަދި ދެފަރާތަށް ބޯހޫރުވާލަމުން ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލީ އޭނަ މަންހާ ރޯތަން ދެކެން ބޭނުންނުވާތީއެވެ. މަޑުމަޑުން އައިސް މަންހާގެ ކުރިމަތީ އިށީނެވެ. އަދި މަންހާގެ ފައިމަތީ ބައްވާލާފައި އޮތް އޭނަގެ އަތުގައި ހިފާބާރުކޮއްލަމުން ވާހަކަދެއްކިއެވެ.

"ސޮރީ......ތިއްތޭ ބޭނުމެއްނޫން މަންކޮ ތިގޮތަށް ރޯކަށް، ނިކަން ތިއްތޭ ކައިރީ ބުނެބަލަ ކީއްވެތަ ދޮގުހެދީ؟ އެވަޒީފާއަށް ދިޔައީ ކީއްވެތަ؟ ނުލާހިކު ރަނގަޅު ވަޒީފާއެއް ހަމަޖެހިފަ އޮއްވައެއްނު އެކަން ގަބޫލުނުކޮށް ދޫކޮއްލީ، ކީއްވެތަ މަންކޮ އެހެން ހެދީ" ޝަރަފްގެ އަޑު ބަދަލުވެގެންދިޔައެވެ. އެއަޑުގައި މިހާރުވަނީ މަޑުމައިތިރި ކަމާއި އޯގާތެރިކަމެވެ.

"ލޯބި ވާތީ" މަންހާ ރޮމުން ބުނެލިއެވެ.

"ލޯބި ވާތީއޭ، އަދި ނުވިސްނުނު، ވިޝާލް ބުނީތަ އެތަނަށް ވަނުމަށް، އޭނަތަ މަންކޮއަށް މަޖުބޫރު ކުރުވީ" ޝަރަފް އަހާލިއެވެ. އެއާއިއެކު ނޭފަތްއެތެރެއަށް ދަމާލަމުން މަންހާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.

"މަންހާ ލޯބިވަނީ ވިޝާލްދެކެއެއްނު، ދެން އޭނަ ނޫން ކާކު މަންހާއަށް އެފަދަ ކަމެއް ކުރަން މަޖުބޫރު ކުރުވީ؟" ޝަރަފްއަށް މަންހާ ބުނަން އުޅޭ އެއްޗެއް ނޭގުމުން އަނެއްކާވެސް ސުވާލުކުރިއެވެ.

"އަހަރެން އަބަދުވެސް ލޯބިވަނީ ދާން ދެކެ، އެނޫން މީހެއްދެކެ ދުވަހަކުވެސް ލޯތްބެއް ނުވަން، ނުވެސް ވާނަން، ނުވެސް ވެވޭނެ........." މަންހާ ދެއަތްތިލައިން ކަރުނަތައް ފޮހެލަމުން ޝަރަފްއަށް ބަލާލިއެވެ. މަންހާގެ ބަސްތަކުން ޝަރަފްއަށް ލިބުނީ ހައިރާންކަމެވެ. އޭނައަށް ކާޕެޓުމަތީ އިށީނދެވުނެވެ. އަދި މަންހާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ.

"ދެން ވިޝާލް.........އޭނައަށް އެނގޭތަ؟" އިރުކޮޅަކު އިނުމަށްފަހު ޝަރަފްއަށް އަހާލެވުނީ ވިޝާލްގެ ވާހަކައެވެ.

"ހޫމް......އޭނައަށް އެނގޭނެ އަހަރެން އޭނަދެކެ ލޯބި ނުވާކަން، އަހަރެން ލޯބިވަނީ އެހެން މީހެއްދެކެކަން، އެކަމަކު އެއީ ދާން ކަމެއް ނޭގޭނެ" މަންހާ ލޯފޮހެމުން ބުނެލިއެވެ.

"ދާން ތިކިޔަނީ މަންކޮ އޮފީހުގެ ބޮޑުމީހާއަށްތަ؟.......ދާއިންއަށްތަ؟" ޝަރަފް ޔަގީންކޮއްލިއެވެ. މަންހާ އަވަސް އަވަހަށް ބޯޖަހާލީ އާއެކޭ ބުނުމަށެވެ.

"ކޮންއިރަކު މަންކޮ ދާއިން އާއި ރައްޓެހިވީ؟" އަދިވެސް ޝަރަފްއިނީ ވާނުވާނޭގިފައެވެ.

"ރައްޓެއްސެއްނުވަން، ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަހަންނަށް ކޮންމެވެސް ގޮތްތަކެއްވިކަން އަހަންނަށް އެނގެނީ، ފަހުން އެނގުނީ އެއީ ލޯބިކަން، އަހަނަށް ދާއިންދެކެ ލޯބިވެވުނީ ސްކޫލް ދުވަސްވަރުންފެށިގެން، އެނގޭ އެއީ މީހެއްގެ ފިރިއެއްކަންވެސް، އެކަމަކު އޭނަގެ ކައިރީގައި މަސައްކަތް ކުރުމުން އަހަންނަށް ހިތްހަމަޖެހޭ، އޭނަގެ ދިރިއުޅުމުގައި ކޮންމެވެސް ރޯލެއް ހިއްސާކުރާމީހެއްކަމުގައި އަހަންނަށް ވެވުނީތީ ޝުކުރުވެރިވަން..........އޭނަ އާއި ދިމާވީއްސުރެން އަހަރެންގެ މުޅި ދިރިއުޅުން ބައްޓަން މިކުރަނީ އޭނައަށްޓަކައި، ކޮންމެވެސް ހިސާބަކުން އޭނަ އާއި ބައްދަލުވޭވެނެ ކަމުގެ އުއްމީދުގަ................ފުރަތަމަ އެއީ މީހެއްގެ ފިރިއެއްކަން އެނގުމުން ވަރަށް ދެރަވި، އޭނަ މަތިން ހަނދާންނައްތާލާ ކުރިއަށް ދިއުމަށް ވަރަށް މަސައްކަތްކުރިން، އެކަމަކު އޭނަގެ ހަނދާންތައް ފޮހެއެއްނުލެވުނު..........އެއީ އިނގިލި ތަކުން ގުނާލެވޭހާ މަދުކަންތައްތައް ކަމުގައި ވިޔަސް އަހަންނަށް އެކަމެއްނުވި............މިއަދު އަހަރެންގެ ހުރިހާވެސް އުފަލަކީ އަހަރެން އަދާކުރާ ވަޒީފާ، ދާއިންގެ ޕާރސަނަލް އެސިސްޓެންޓް، އަހަންނާއި ބަލާފަ ކިތަންމެ ދަށްމަގާމަކަށްވިޔަސް، އަހަންނަކީ ދާއިންގެ ޕާރސަނަލް އެސިސްޓެންޓަށް ވީކަމަށްޓަކާ ފަހުރުވެރިވަން.............އަހަރެން މިއަދާ ހަމައަށްވެސް އެކަކުކައިރީވެސް ނުބުނަން އަހަރެން ލޯބިވަނީ ދާއިންދެކެކަން..........ދެން އަހަރެންގެ ހަޔާތަށް އައި އެންމެ ހާއްޞަ މީހަކީ ވިޝާލް..................ވިޝާލް އަހަންނަށް ލޯބި ހުށައެޅީ މެލޭޝިޔާގަ ކިޔަވަން ހުރިއިރު، އަހަރެން އޭނަ ކައިރީ ބުނިން، އަހަރެން ލޯބިވަނީ އެހެން މީހެއްދެކެކަން، އެކަމަކުވެސް އޭނަ އަހަރެންދެކެ ފޫއްސެއްނުވޭ، ދާއިންގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން އަހަންނަށް ޖާގައެއް ލިބިދާނެކަމުގައި ހީކުރާފަދައިން ވިޝާލްވެސް އިންތިޒާރު ކުރަނީ އަހަރެން އޭނަ ގަބޫލު ކުރާނެ ދުވަހަކަށް ހެން ހީވަނީ...............ތެދަށް ބުނަންޏާ، އަހަރެންނަށް ދާއިންދެކެ ލޯބި ނުވެވުނު ނަމަ އަހަރެން ވިޝާލް ނޫން މީހަކާ ނުގުޅޭނަން........ތިއްތޭއަށްވީމަ ކަންނޭގެ އަހަންނަށް މިހުރިހާ ވާހަކައެއް މިކިޔާދެވުނީ، އަހަންނަށްވެސް ފަސޭހައެއްނޫން ހިތުގަ މިހުރިހާ ކަމެއްފޮރުވައިގެން އުޅޭކަށް...........އެލީމެންނަށް ހުރިހާ ކަމެއް އެނގޭނެ، އެކަމަކު މިހާރު އެމީހުންވެސް އެމީހުންގެ އަމިއްލަ ކަންތައްތަކައިގެން ވަރަށް ބިޒީކޮށް އުޅެނީ، އައިމް ރިއަލީ ސޮރީ ތިއްތޭ...........ތިއްތޭ އަހަންނާއި ހެދި ލަދުގަންނަފަދަ ކަމެއް އަހަރެން ނުކުރާނެއެއްނު، އަހަރެން މިއައީ އެނބުރި ދާގޮތަކަށްނޫން...........އަހަރެން ދެން ވަޒީފާއަކަށް ދަންޏާ ދާނީ އަހަރެންގެ ކިޔެވުމުގެ ސެޓްފިކެޓްތަކައި ގުޅޭ ފެންވަރެއްގެ މަގާމަކަށް..........ޕްލީޒް ތިއްތޭ، މިހުރިހާ ކަމެއް އިތުރުމީހަކަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން.........ޕްލީޒް ޑޯންޓް ސޭ އެނީތިންގ ޓު އެނީވަން........." މަންހާ ހުރިހާ ވާހަކައެއް ޝަރަފްއަށް ކިޔާދިނެވެ.

"އެކަމަކު.............ވިޝާލް އާއި މަންކޮ އާއި ދެމެދު އެއްވެސް ވަރެއްގެ ގުޅުމެއް ހަމަ ނުހިނގާތަ؟" ޝަރަފްއަށް އެދެމީހުންގެ ގާތްކަން ފެނިފައިވުމުން އަނެއްކާވެސް އަހާލެވުނެވެ.

"ހޫމް.........އަހަރުމެން ދެމީހުންގެ މެދުގައި އެއްވެސް ކަމެއް ނުހިނގާ" މަންހާ ޔަގީންކޮއްދިނެވެ.

"ޖެނީވެސް ހީކޮއްގެން އުޅެނީ ވިޝާލް އާއި މަންކޮ އުޅެނީ ރައްޓެހިވެގެން ކަމަށް، އެހެންވީމަ ވިޝާލްވެސް ނުބުނަނީ ދޯ މިގުޅުމާ ބެހޭގޮތުން އެއްވެސް އެއްޗެއް..........މައްސަލައެއްނެތް............ތިއްތޭ ތިކަމާ އެއްޗެއް ނުބުނާނަން، އެކަމަކު މަންކޮ ތިހާ ދެރަވެގެން ރޯތަން ފެނުނީމަ ތިއްތޭ ވަރަށް ދެރަވޭ، ދުވަހަކުވެސް މަންކޮ ރޯތަން ބަލާކަށް ބޭނުމެއްނޫން، ބުނަން، ތިއްތޭގެ މައްސަލައެއްނެތް މަންކޮ ތިޖޮބަށް ދިޔަޔަސް، އެކަމަކު އެއީ މަންކޮ ހިތްހަމަޖެހި އުފާވާ ކަމެއްވެއްޖެޔާ، ތިގޮތަށް ދެރަވެގެން އުޅެންޏާ، އެއޮފީހަށް ގޮސްގެން ނުވާނެ...........ލޯތްބަކީ ފާޑެއްގެ އެއްޗެއް، ހަގީގަތަށް ބުނަންޏާ ތިއްތޭ އެހާ ގަބޫލެއްނޫން މަންކޮ ދާއިން އާއި ގުޅޭކަށް، އޭނައަކީ މަންކޮއަށްވުރެ އުމުރުގެ ގޮތުންވެސް އެތަށްއަހަރެއް ބޮޑުމީހެއް، އަނެއްކާ މީހަކާ އިނދެގެން އުޅެނީ...........އޭނަގެ ދަރިންވެސް ތިބޭ ކަންނޭގެ ދޯ" ޝަރަފްގެ ނިތަށް ރޫއަރުވާލަމުން ބުނެލިއެވެ. (ނުނިމޭ)