ދުނިޔެ

ލަންކާ ހަމަލަ: މަރުވި މީހުންގެ އަދަދު 290 އަށް

Apr 22, 2019

ކޮލޮމްބޯ (އޭޕްރީލް 22) - ފުލުފުލުގައި އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެ ފަދަ ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ކުރިން ލިބިފައިވާކަމަށް، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.

ފުލުފުލުގައި ބޮން ގޮއްވުން!

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، ދެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. ގައުމުގެ މައި އެއާޕޯޓް ކައިރިން ވެސް ބޮމެއް ފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޮން ޑިފިއުޒްކޮށްފަ އެވެ.

ހަމަލާގެ ތުހުމަތު "ހަރުކަށި އިސްލާމިސްޓް ޖަމާއަތަކަށް"

އެ ހަމަލާތަކާއި ގުޅިގެން، މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުން ދަތުރުކުރަން ބޭނުންކުރި ވެހިކަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ހަމަލާތަކުގެ ފަހަތުގައި އޮތީ، އެންމެ ގްރޫޕެއްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، އެ ގުރޫޕާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް، ފުލުހުންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ތުހުމަތުގެ އިނގިލި އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް އަމާޒުކޮށްފަ އެވެ.

މިފަދަ ހަމަލާއެއް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ކުރިން ލިބިފައިވާކަން ހާމަވުމުން، ސަލާމަތީ ބާރުތަކަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން ރަނިލް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން، އެކަން ބެލިފައިނެތް މައްސަލަ ތަހުގީގު ކުރައްވާނެކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށެވެ.

އެ ތަހުގީގުތައް ކުރެވެމުންދާއިރު، ހުރިހާ ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް، ސޯޝަލް މީޑިއާ ވެސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އިއްޔެގެ ހަމަލާތަކާއި ގުޅިގެން ހިންގި ކާފިއު މިއަދު ހެނދުނު ވަނީ ނަގައިފަ އެވެ.

ލަންކާއާއެކު މުޅި ދުނިޔެ!

ލަންކާގައި 25 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމައަށްފަހު ދިން އެންމެ ނުރައްކާތެރި ހަމަލާ، މުޅި ދުނިޔެއިން ވަނީ ކުށްވެރިކޮށްފަ އެވެ. އެމެރިކާ، އިންޑިއާ އަދި ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން ވަނީ އެ ހަމަލާ ކުށްވެރިކޮށް، ލަންކާއަށް އެހީތެރިވާން ތައްޔާރަށްތިބިކަން ހާމަކޮށްފަ އެވެ.