ދުނިޔެ

ލަންކާ ހަމަލާ: ސަލާމަތީ ބާރުތަކަށް އިހުމާލުގެ ތުހުމަތު!

Apr 22, 2019
1

ކޮލޮމްބޯ (އޭޕްރީލް 22) - ފުލުފުލުގައި އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު، އެފަދަ ހަމަލާއެއް ދޭން ރޭވިކަމުގެ މައުލޫމާތު ފުލުހުންނަށް ކުރިން ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެ ފަދަ ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ކުރިން ލިބިފައިވާކަމަށް، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.

ފައްޅިތަކަށް ހަމަލާ ދޭން ރޭވިކަން އެނގުނު!

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން، ކްރިސްޓިއަނުންގެ ފައްޅިތަކަށް ހަމަލާދޭން ރާވަމުންދާކަމަށް ބުނެ އެކަމަށް ފާރަވެރިވުމަށް އެދި، އޭޕްރީލް 11 ވަނަ ދުވަހު ލަންކާ ފުލުހުންގެ އިސް އޮފިޝަލަކު ކަމާބެހޭ އިދާރަތަކަށް ސިޓީއެއް ފޮނުވިކަން މިހާރު ވަނީ ހާމަވެފަ އެވެ.

ޑެޕިޔުޓީ އިންސްޕެކްޓާ ޖެނެރަލް ޕްރިޔަލާލް ޑަސަނަޔަކަ ފޮނުއްވި ސިޓީގައި، ބޭރުގެ ޖާސޫސީ އިދާރާތަކުން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދީނީ ހަރުކަށި ވިސްނުމުގެ "ނެޝަނަލް ތައުހީތު ޖަމާއަތު" ނަކަމަކަށް ކިޔާ ޖަމާއަތަކުން ކްރިސްޓިއަނުންގެ ފައްޅިތަކަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ރާވަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި އެކަން ތަހުގީގު ކުރެވުމުންދާ ކަމަށާއި، ނަމަވެސް ކަމާބެހޭ އިދާރާތަކުން އެ ފަދަ ހަމަލާއަކަށް ފާރަވެރިވުމަށްވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ. ނަމަވެސް، އެ މައުލޫމާތުތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އެޅި ފިޔަވަޅެއް އަދި ސާފެއް ނުވެ އެވެ.

"އެ މައުލޫމާތު ލިބިގެން އެކަށީގެންވާ މިންވަރަށް ރައްކާތެރި ފިޔަވަޅުތައް ނޭޅުނު މައްސަލަ ބަލަންޖެހޭ،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރަނިލް ވިކްރަމަސިންހަ ވިދާޅުވި އެވެ.

ރަނިލް އިތުރަށް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން، އެކަން ބެލިފައިނެތް މައްސަލަ ތަހުގީގު ކުރައްވާނެކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށެވެ.

އެ ތަހުގީގުތައް ކުރެވެމުންދާއިރު، ހުރިހާ ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް، ސޯޝަލް މީޑިއާ ވެސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އިއްޔެގެ ހަމަލާތަކާއި ގުޅިގެން ހިންގި ކާފިއު މިއަދު ހެނދުނު ވަނީ ނަގައިފަ އެވެ.