ދުނިޔެ

"ދެވަނަ ވަޒަނަށް" ދިން ހަމަލައިން ދިވެހިންނަށް ހިތާމަ!

Apr 22, 2019

އިއްޔެ ހެނދުނު ފުލުފުލުގައި ސްރިލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފުރާނަ ގެއްލުނު މީހުންނަށްޓަކައި މުޅި ދިވެހި ރައްޔިތުން ހިތާމަ ކުރާ މިންވަރު އެންމެ ރަނގަޅަށް ސިފަ ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގަ އެވެ.

އެތައް ދިވެހި ރައްޔިތުންނެއް، ދެވަނަ ވަޒަންގެ ގޮތުގައި ދެކޭ ސްރީލަންކާއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ހަމައެކަނި ހިތާމަ ފާޅު ކުރަނީ ނޫން ކަމަށާއި، ދިވެހިން އަބަދުވެސް ތިބީ ސްރީލަންކާގެ ރައްޔިތުންނާއެކު ސާބިތުވެ ކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އަވަށްޓެރި ސްރީލަންކާއަކީ ރާއްޖޭގެ ރައްޔިތުންނާއި އަބަދުވެސް ހާއްސަ ގުޅުމެއް އުފެދިފައިވާ ގައުމެކެވެ. އެއީ ރައީސް ސޯލިހު ވިދާޅުވި ފަދައިން، ދިވެހިންގެ ދެވަނަ ވަޒަނެވެ.

ޗުއްޓީ ހޭދަ ކުރުމަށާއި ކިޔެވުމުގެ އިތުރުން ސިއްހީ ފަރުވާ ހޯދަން ދިވެހިން ދުއްވައިގަންނަ ފުރަތަމަ މަންޒިލަކީ ލަންކާ އެވެ. އެގޮތުން، މިހާރު ވެސް އެ ގައުމުގައި 15،000 އެއްހާ ދިވެހިން ދިރިއުޅެމުންދާކަން ތަފާސް ހިސާބުތަކުން ފެނެ އެވެ. އަވަށްޓެރި އެހެން ގައުމުތަކާއި އަޅާބަލާއިރު، ލަންކާގައި ހިނގާ ކޮންމެކަމަކަށް ދިވެހިންގެ ލޯތައް އަބަދުވެސް ހުއްޓެ އެވެ.

ލަންކާ އަށް ލިބޭ ކޮންމެ ހިތާމައަކީ، ރާއްޖޭގެ ރަށަކަށް ލިބޭ ދެރައަކަށް ދެވޭ ދަރަޖަ ދިވެހި ހިތްތަކުގައި އަބަދުވެސް ދެވެ އެވެ.

އާދިއްތަ ދުވަހު ލަންކާގެ ރައްޔިތުންގެ ހެނދުނުގެ ނިދިން މަހުރޫމް ކޮށްލީ އެ ގައުމުގެ ކްރިސްޓިއަނުން އަޅުކަން ކުރާ ފައްޅިތަކެއްގެ އިތުރުން ޓޫރިސްޓުން ފުރިބާރުވެފައިވާ ހޮޓާތަކަކަށް ދިން ހަމަލާއިންނެވެ. އެ ހަމަލާތަކުގެ މައުލޫމާތު ހާމަވުމާއެކު، މުޅި ސޯޝަލް މީޑިއާއަށް ދިވެހިންގެ ޝުއޫރުތައް ބަންޑުންވެގެންދިޔަ އެވެ.

ލަންކާގައި އުޅޭ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިންގެ ހާލު ބެލުމަށް އެންމެން ކަހަލަ ގޮތަކަށް އަވަސްވެ ގަތެވެ. ލަންކާގައި ދިރިއުޅޭ އާއިލާގެ ކޮންމެވެސް މެމްބަރެއް ނުވަތަ ދަންނަ މީހަކު ނެތް ދިވެއްސެއް މަދުވާނެ އެވެ. ހަމަލާތަކުގެ ޝިކާރައަކަށްވީ ދިވެހިން އާންމުކޮށް ތިބޭ ހޮޓާތަކަށާއި، ކުރޮޅިތަކުގައި ބާޒާރުކުރަން ދުއްވާ ހިސާބުތަކަށެވެ. ލިބުނު ކުއްލި ހައިރާންކަމުގައި، ތިލަވަމުން އައި މަންޒަރުތަކާއި ފޮޓޯތައް ގަބޫލުކުރަންވެސް ދަތިވި އެވެ.

އެތަކެއް ސަތޭކަ ބައެއްގެ ފުރާނަ ދުއްވާލި ހަމަލާތަކާއެކު މުޅި ލަންކާ އެވަނީ ރޮއްވާލައިފަ އެވެ. އެ ހިތާމާގައި ބައިވެރިވެ، ކަރުނަ އަޅަމުންދާ ދިވެހިން މަދެއް ނުވާނެ އެވެ.