ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ލަތީފު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބިދޭން ޖެހެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ އާއިލާގެ މްބަރުން ނުހިމެނޭ ގޮތަށް ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ.
އޭގެ އިތުރުން މެމްބަރުކަން ކުރި މީހުންނާއި، އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް މުސްތަފާ ވިދާޅުވަނީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރި ކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިދިނުމެވެ.
މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތައް އިތުރު ކުރަން ބިލް ހުށަހެޅުއްވި މެންބަރު މުސްތޮފާ އާއި އަބްދުއްލަތީފް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައެއް ނުވެ އެވެ.