ޝިދާތާ ޝަރީފު

މަޖިލިސް ރައީސަކަށް އަންހެނަކު އިންނެވުމަކީ ދުނިޔެއަށް ނަމޫނާއެއް: ޝިދާތާ

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމުގައި އަންހެން ބޭފުޅަކު ހުންނެވުމަކީ މުޅި ދުނިޔެއަށް ރާއްޖެއިން ދެއްކޭނެ ނަމޫނާއެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ދެ އަންހެން މެމްބަރަކުވަނީ މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. މަޖިލިސް ރައީސް ކަމަށް އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޝައުގުވެރިވެ ވަޑައިގަންނަވަ އެވެ. އަދި ނައިބު ރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ޝައުވެރިވެ ވަޑައިގަންނަވަ އެވެ.

ޝިދާތާ ޓުވީޓެއް ކުރައްވައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލިސް ކުރާ ގޭގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާ އީވާ އަށާއި ރޮޒެއިނާއަށް ކާމިޔާބީއަށް އެދި ވަޑައިގަންނަވާ ކަމަށެވެ. ޝިދާތާއަކީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވާ ބޭފުޅެކެވެ.