ހަބަރު

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިމަހު 29 ގައި

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިމަހުގެ 29 ގައި އޮންނާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިއުލާން ކުރައްވައިފި އެވެ.

ގާސިމް އެކަން އިއުލާން ކުރެއްވީ، މިހާރު ކުރިޔަށްދާ މިއަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. ގާސިމް ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ޕާލިމެންޓްރީ ގްރޫޕުތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަަށެވެ. އެހެން ކަމުން މި މަހުގެ 29 ގެ އޮންނަ ޖަލްސާގެ ފަހުން މަޖިލިސް ޗުއްޓީއަށްދާނެ އެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމާއެކު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވާނެ އެވެ.

މަޖިލީހުގެ ޖަލްސާތައް ދެން އަލުން ފަށާނީ ޖޫން މަހުގެ ތެރޭ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުންނާއެކު އެވެ. އެ އިންތިހާބު މި މަހުގެ 6 ވަނަ ދުވަހު ބާއްވާފައިވާއިރު، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފަ އެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް 65 ގޮނޑި ލިބިފައިވާ އިރު، ޖުމްހޫރީޕާޓީއާއި ޕީޕީއެމް، ކޮންމެ ޕާޓީއަކަށް ލިބިފައިވަނީ 5 ގޮނޑި އެވެ.

މީގެ އިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް އެމްޑީއޭއަށް ކޮންމެ ޕާޓީއަކަށް 2 ގޮނޑިލިބިފައިވާއިރު، 7 ގޮނޑިއެއް ވަކިޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ލިބިފައިވެއެވެ.