ވާހަކަ

އީޝަލް

(21 އެޕްރިލް 2019 އާ ގުޅޭ)

ޒަގަންގެ މޫނުމަތިން މާނަފުން ހިނިތުންވުމެއް ފާޅުވެލިއެވެ. އީޝަލް ބޭނުންވެގެން ބުނުމުން ބޭރީތު ޤަބޫލުވެދާނޭ ކުޑަކޮށް ވެސް ޒަގަން ހިތަކަށް ނާރައެވެ. އީޝަލްއާ ގުޅުވައިގެން ބައްޕަ ދެއްކި ވާހަކަތަކަށް ޒަގަން އެހާ ރުންކުރުކޮށް ޖަވާބުދެމުން ދިޔައީ އެހެންވެއެވެ. ކުރިމަތިލުމުގެ ކުރީން ރައުލްގެ މައްޗަށް ގަދަވެވިއްޖޭ ޒަގަން ހިތަށް އެރިއެވެ.

ބޭރީތު ޒަގަން ފޮނުވާލީ އޭނާއަށް ގޮވާލެވެންދެން ގަނޑުވަރުން ބޭރަށް ނުނިކުމެ މަޑުކުރުމަށް ބުނެފައެވެ. ބައްޕަގެ އެހީތެރިކަން ލިބިއްޖެނަމަ ނުވާނޭކަމެއް ނޯންނޭކަން ޒަގަންއަށް އެނގެއެވެ. އެ ޔަގީންކަމުގައި އޭނާ ބޭރީތުގެ ބަސް ޤަބޫލުކުރީއެވެ. ނަމަވެސް ބޭރީތުގެ ގާތުގައި ހުރި ލާވީގެ މޫނުން ފާޅުވޭވޭ ހުރީ ހާސްކަމެވެ. ދަރުބާރުން ޒަގަން ނުކުމެ ދޮރުފަތް ބަންދުވުމާއެކު ލާވީއަށް ބަލާލެވުނީ ބޭރީތަށެވެ. ޒަގަންއަށް އެއްބާރުލުން ދިނުމަށް ބޭރީތު ގަސްދުކޮށްގެން ހުރިކަމެއް ޚުދު ލާވީއަކަށް ވެސް ނޭނގެއެވެ. އެއީ އޭނާއާ ކުރީން މަޝްވަރާކުރެވިގެން ނިންމި ނިންމުމެއްނޫނެވެ.

"ކަލޭ އެއްޗެއް ބުނަން ބޭނުންވެފައި ހުރިހެން ހާދަހީވޭ" ލާވީއާ ނަޒަރު ސީދާވުމާއެކު އެ މޫނުގައިވާ އަސަރު ބޭރީތު ދެނެގަތެވެ.

"ބޭރީތު... ދަރީން ހަރޯންކޯރުވިޔަސް ދަރީންވާނީ ދަރީންނަށް، މިއަދު ރައުލްއާއެކު އަހަރެންގެ ހަމައެކަނި ދަރިފުޅު ވެސް ހުރީތީ ހިތާމަކުރަން، އޭނާގެ މައްޗަށް އަންނަ ބަލާވެރިކަން އަހަރެންގެ ދަރިފުޅަށް ޖެހި އެކަމުގައި އޭނާ ނިމިދިއުމަކަށް ނޭދެން، ބައްޕައަކަށް ވެ ހުރެ އަހަރެންގެ ހިތް އެކަމާމެދު ހާސްވެ ކަންބޮޑުވެފައިވޭ... ހުރި ހަމައެކަނި ދަރިފުޅު އެގޮތަށް ނިމިގެން ދިއުމަށް އެދެވޭނީ ކޮންބަފަޔަކަށް؟... އެކަން އެހެން އޮތޭ ކިޔާފައި ކަލެއަށް ޚިޔާނާތްތެރިވުމަކީ ދުވަހަކުވެސް އަހަރެން ކުރާނޭކަމެއްނޫން" ލާވީ އިސްޖަހާލީއެވެ.

"ރާވިންއާމެދު ކަލޭ ކަންބޮޑުނުވޭ، މިކަމުގައި ޒަގަންއަށް ކާމިޔާބު ލިބިއްޖެނަމަ ރާވިން ހައްޔަރުކޮށް ގެނެސް ކަލެއަށް ރައްދުކޮށްދޭނަން، އޭނާ ޒަގަންއާ ދެކޮޅަށް ނުކުމެ ހިނގާ ހަމަނުޖެހުމުގައި ލިބޭ ޒަޚަމްތަކުގެ ޒިންމާއެއް އަހަރެންނަކަށް ނުއުފުލޭނެ... އެކަމަކު ވަޢުދުވަން... ކަލޭގެ ދަރިފުޅު އަނބުރާ ކަލެއަށް ރައްދުކޮށްދޭނަން، އެކަމާމެދު ވިސްނާ ކަލޭގެ ބުއްދި ވަރުބަލިނުކުރޭ، ކުރިއަށް ރާވަންވެފައި ހުރި އެތައްކަމެއް އެބަހުރި، އަހަރެމެންނަށް މިހާތަނަށް އެކުވެރިކަން ބަދަހިކުރެވިފައިވާ ސަރަޙައްދުތަކުގެ ތަފްޞީލީ ލިޔުންތައް ގެނެސްދީ، އޭގައި އެމީހުންގެ ތެރޭގައި ހިމެނޭ ކުޅަދާނަ ހަނގުރާމަވެރީން އެނގޭން އޮންނަންވާނެ، ނޫނީ އެކަމުގެ މަޢުލޫމާތު ދެވޭނޭ މީހަކު އަހަރެންގެ ކުރިމައްޗަށް ގެނޭ" ބޭރީތު ބުންޏެވެ.

"ހަމަމިހާރު ތިކަމާ މިއުޅެނީ" ލާވީ ނިކަން އަވަހަށް ބޯޖަހާލައި މަސައްކަތަށް އެނބުރިލިއެވެ.

* * * * *

އައިޒަންގެ ޚާއްޞަ ކޮޓަރިއެއްގައި ޒިޔަޒެލްއާ ބައްދަލުވުން ކުރިއަށް ދިޔައެވެ. ޒިޔަޒެލްގެ ހުރިހާ ވާހަކައެއް އޭނާ އަޑުއެހުމަށްފަހު ވެސް ހިމޭންވެފައި އިނެވެ. ނަމަވެސް ހީވަނީ ބޮޑު ފިކުރެއްގައި އިނީހެނެވެ.

"ކަލެއަށް ފެންނަނީ ކިހިނެއް؟" އިރުކޮޅަކު ވިސްނަން އިނދެފައި އައިޒަން އެއްސެވެ.

"މިކަމުގެ ތެރެއަށް އިހަށް ނުވަދެ ދުރުގައި ހުންނަން، ވީހާ ވެސް އާދައިގެ ގޮތަކަށް މިކަންވާން ދޫކޮށްލަން، އައިޒަން!... ކަލެއަށް އެތައްހާސް ޖިންނީންގެ ނަޒަރު ހުއްޓިފައިވާއިރު އެކުއްޖާއާ އެއްވެސް ވަރަކަށް ކަލޭ ގާތްވުމަކީ އަހަރެމެން ބޭނުންނުވާ ސަމާލުކަމެއް ހުއްޓިދާނޭ ފުރުޞަތަކަށް ވެދާނެ، ބަހީރާއާއި ބަލްޤިސް އެ ޚަފުލާގައި ބައިވެރިވުމަކީ އަހަރެންނަށް ރަނގަޅުގޮތެއްނޫން، އެކަމަކު އެ މީހުން އެއްބަސްނުވާނޭކަން އެނގޭ" ޒިޔަޒެލް ވެސް ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުއެވެ.

"ބަލްޤިސްގެ ފުށުން ޖޫދާއަށް ބޭރީތުގެ ދަރިއަކާ މީކާޢިލްގެ ދަރިއަކު ގުޅެން އުޅޭކަން އެނގުނީސްސުރެން އޭނާ ހުންނަނީ ނުރުހިފައި، އެކަމަކު އޭނާގެ އެ ނުރުހުމުގައިވަނީ ކީކޭކަން އަހަރެން ދެނަހުރިން، އޭނާ ކަންބޮޑުވަނީ މީކާޢިލްއާއި އީޝަލް، އެ ބޭރީތުގެ އަތްދަށުވެދާނޭތީ... މިކަމުގައި ބޭރީތުގެ ނުބައި ރޭވުމެއް ފޮރުވިފައި އޮވެދާނޭތީވެ... މިއިން އެއްވެސް ވާހަކައެއް ބިންޔާމީންގެ ކަންފަތަކާ ހަމައަކަށް އަދިއެއްނުދޭ، ބަލްޤިސް ތި ކައިވެނީގެ ބައިވެރިވާން ދިއުމަކީ ޖޫދާ ވެސް ކަންބޮޑުވާނޭކަމެއް، އޭނާ ވެސް ކަލޭމެންގެ ގާތަށް ދާނޭކަން ޔަގީން، ޒިޔަޒެލް ތި ދެއްކި ވާހަކަތައް އަހަރެން ޤަބޫލުކުރަން، ބަހީރާމެންނަކީ ކޮންބައެއްކަން ބޭރީތުގެ ފަރާތުން އަންނަ ޖިންނިއަކަށް އެނގިގެންނުވާނެ، އެ މީހުންނާ އަހަރެން ވާހަކަދައްކާނަން" އައިޒަން ބުންޏެވެ.

"އަހަރެން ހަނދާނެއްނުވޭ ކަލޭ ކަނޑުގެ ޖިންނިއަކާ ހަނގުރާމައެއްކުރިކަން" ޒިޔަޒެލް ބުންޏެވެ.

"އަހަރެން ދާންވީއިރު އެކަމެއް ހިނގައިނިމިއްޖެ، ބިންޏާމީން އެ މީހުންގެ ހުރިހާއެއްޗެއް ދޫކޮށް އަހަރެންގެ ގާތަށް އައީ، ހަނަފަސްކަމުގެ ތެރެއަށް އެނބުރި ދިއުމަށް އޭނާ ގަސްދުނުކުރީ އެމީހުންގެ ހުރިހާ ބާރެއްނެތިފައިވީމަ، އެނބުރިގޮސް ކުރިމަތިލާނޭ ޢާއިލާއެއް ތިމާގެ މީހެއްނެތް، ތިބި ބަޔަކާއެކު އަހަރެމެންގެ ހިމާޔަތައް އެދިގެން އައީ، އެހެންވެ ސީދާ ބޭރީތާއި އަހަރެންނާ ދެމެދު ކުރިމަތިލުމެއް ނުހިނގާ، ކަލެއަށް އެނގޭނެ އަހަރެން ސުލްޙައަށް އިސްކަންދޭވަރު، ނިމިފައި އޮތްކަމެއްގެ ތެރެއަށް އަލުން ވަދެ ގުޖަޑުގަނޑެއް ހިލުވާލުމަކީ ޒާތީ ބަދަލުހިފުމަކަށް ނޫނީ ނުވާނެ، ބަދަލުހިފުމަކީ އަހަރެން ހިތްވަރުދީ ބާރުއަޅާނޭކަމެއްނޫން.... ބިންޏާމީންގެ ރަސްކަން ނިމި އެތައް ފުރާނައެއް ޝަހީދުވެގެން ދިޔައިއިރު އެ މީހުންގެ ވެރިއަކަށް ހުރެ އެބައިމީހުން ރައްކާތެރިނުކުރެވުނުކަމުގެ ފުން ހިތާމަ އޭނާގެ ހިތުގައި ތާއަބަދަށް އޮންނާނެ، އަނބިމީހާއާއި ޢާއިލާގެ މެންބަރުން ލޯކުރިމަތީ އަނިޔާވެރިމަރަކުން މަރުވެގެންދާއިރު އެ މަންޒަރުތައް ފުރާނަ ހުރިހާ ހިނދަކު ހަނދާނުގައި ބިންވަޅުނެގިފައިވާނެ، ބޭރީތުގެ ނަންއިވޭ ކޮންމެ ފަހަރަކު އެ ޒަޚަމްތަކުން ލިބިފައިވާ ލަކުނުތަކުގައި ރިހުން އުފެދޭނެކަން ޔަގީން، އެފަދަ ހަމަނުޖެހުމެއް ދުށުމަކަށް އަހަރެން ނޭދެން، އެކަމަކު ބޭރީތު ނޫނަސް އެހެން މަޚުލޫޤަކަށްވިޔަސް އަހަރެމެންގެ ތެރެއަށް ވަންނަން މަސައްކަތްކުރާނަމަ އަހަރެން ރައްދު ޖަވާބުދޭނަން، ސުލްޙަވުމެއްނުވާނަމަ އަހަރެންގެ ކަނޑިން ނިޔާ އިއްވާނަން" އައިޒަންގެ އަޑުގައިވާ މަޑުމައިތިރިކަމަށް ބަދަލެއް ނާދެއެވެ.

"ލަސްކުރުމަށްވުރެ އަވަސްކުރުން ބުއްދިވެރީ" ޒިޔަޒެލް ބުންޏެވެ. އަދި އޭނާ ރާވާފައިވާ ގޮތް އައިޒަންއަށް އޮޅުންފިލުވައިދިނެވެ.
ބޭރީތަށް ސިއްރުކުރި ފަދައިން އީޝަލްއާއި އޭނާގެ ވަށައިގެން އުޅޭ ބަޔަކީ ރަސްކަމުގެ ޝާހީކަމާއި ގުޅިފައިވާ ބައެއްކަން ޒިޔަޒެލް ބޭނުންވަނީ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. ކައިވެނި ކުރެވި ކަންތައްތައް ހަމައަކަށް އެޅުމުން ރައުލްއާއި އޭނާގެ އެކުވެރީންނަށް ހަޤީޤަތް ހާމަކުރާނީކަމުގައި ޒިޔަޒެލްގެ ބުންޏެވެ. އަދި އީޝަލްއާއި ރައުލްގެ ކައިވެނި ކުރިއަށްދާއިރު ޒިޔަޒެލްގެ ޚާއްޞަ ޖިންނީން ރަށުތެރެ ބަލަމުންދިއުމަށް ބައިތިއްބާނޭކަމާއި އެ މީހުންގެ އަދަދާއި އަދި އެ މީހުންނާ ގުޅިފައިވާ ސިއްރުތައް އައިޒަންއަށް ހާމަކުރިއެވެ. ޖަޒީރާ ރައްތަކުގެ ވަށައިގެން ވަނީ ކަނޑުކަމަށްވާއިރު އެ ކަނޑުތަކުން އަތުވެދާނޭ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެ ތިބޭނޭ ގޮތުގެ ޕްލޭނެއް ޒިޔަޒެލް ހުށަހެޅިއެވެ. އައިޒަންގެ ޚިޔާލުތަކާއެކު ރޭވުންތައް އިތުރަށް ފުރިހަމަވެގެންދިޔައެވެ. އަދި އެނބުރި ދިއުމުގެ ކުރީން ބަހީރާއާއި ބަލްޤިސް ދުށުމަށް އެދޭކަން ޒިޔަޒެލް ހާމަކުރިއެވެ.

* * * * *

ތައްޔާރީތައް ވަމުންދިޔައިރު އަބްދުﷲގެ ފަރާތުން ރައުލްއާއި އޭނާގެ އެކުވެރިން ދިޔައީ ތަޢުލީމު ލިބިގަންނަމުންނެވެ. އޭނާއާއި ޔޫޝައުގެ ފަތުވާތަކުން އެމީހުންގެ ހިތްތައް ސާބިތުވެ އަލިވެގެންވާ ނޫރެއްގެ ފަށަލަ ނަފްސުތަކުގައި ލެވެމުންދިޔައެވެ. އުނގެނުނު ވަރަކަށް ދަސްކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ހިތުގެ އަލިކަން އެއްބާރުލުން ދެމުންދާކަން ފާހަގަވެއެވެ. އަބްދުﷲގެ ކިޔެވުމުގެ އަޑު އިވޭ ހިނދު އެއިން ކޮންމެ މީހެއްގެ ލޮލުން ކަރުނަ ނިރާލައެވެ. އަބްދުﷲއާއި ޔޫޝައުއަކީ ކެތްތެރިކަމުގެ މިސާލެކެވެ. ރައުލްމެންގެ ފަރާތުން ކުރިމަތިވާ ސުވާލުތަކަށް އެމީހުން ޖަވާބުދެއެވެ. ރައުލްމެންނަށް ފަހުމު ނުވެއްޖެއްނަމަ ތަކުރާރުކޮށް އެކި ގޮތްގޮތަށް ބުނެދީ ހަދައެވެ. ކައިވެނި ކުރެވޭ ދުވަސް އައިސް ޖެހުމުން އަބްދުﷲގެ ފަތުވާ އަމާޒުކުރީ ކައިވެންޏާއި ދެމަފިރިންގެ ގުޅުމަށެވެ.

ހޯމަ ދުވަހު އީޝަލްއާއި ރައުލްގެ ކައިވެންޏާއެކު ރާވިންއާއި ޔާފިއާގެ ކައިވެނި ވެސް ކުރެވޭނޭކަން ޒިޔަޒެލް އޮތީ އިޢުލާންކޮށްފައެވެ. އެހެންވެ އީޝަލްއެކޭ އެއްފަދައިން ޔާފިއާއަށް ވެސް ގެއިން ނުކުންނާނޭ ފުރުޞަތެއް ނުލިބެއެވެ. އަސުރު ނަމާދަށްފަހު ކައިވެނީގެ ޙަފުލާ ފެށޭއިރު ހެނދުނުއްސުރެން ބަހީރާއާއި ބަލްޤިސް އެ މީހުންގެ ތެރެއަށް އައިސް އުޅެއެވެ. ޝަހީ ހާންދާނީ ކުލަވަރެއް އެއްވެސް ދިމާއަކުން ނުފެނެއެވެ. އެހެންނަމަވެސް ބަހީރާއާއި ބަލްޤިސްވަނީ ޔާފިއާއާއި އީޝަލްއަށް ޓަކައި ނުހަނު ރީތި ހެދުމެއް ގެނެސްފައެވެ. އަޖައިބުވާވަރު ނުވިޔަސް ދެ އަންހެންކުދީން ޒީނަތްތެރިވުމަށް ގަހަނާ ވެސް ގެނެސްފައި ހުއްޓެވެ.

ޒިޔަޒެލްގެ ގޭގެ ފެންޑާގައި އެންމެން އިށީނުމަށް ގޮނޑިތައް ޖަހާފައި ހުއްޓެވެ. މުޅި ރަށް އުފާފާޅުކުރަމުންދިޔައެވެ. ކައިވެނީގެ ވަލީމާ ތައްޔާރުކުރުމުގައި ރަށުތެރޭގައި އުޅޭ ޖިންނީން ހޭބޯ ނަރާ އުޅެއެވެ. ބޮޑު ތުނޑީގައި ހުރިހާ ޖިންނީންނަށް ބައިވެރިވެވޭނޭ ގޮތަށް ޖާފަތެއް ތައްޔާރުކޮށްފައި ވެއެވެ. މާމެލާމެލީން މުޅި ރަށް ބަރާވަމުންދިޔަ ކަހަލައެވެ. ފަޒާގައި ތަފާތު ހުވަނދެއް ލެވިފައި ވާހަކައެވެ. ހީނ ސަމާސާކުރުމުގެ އަޑުތަކުން މާޙައުލުގައި ނަފްސަށް ހަމަޖެހުން ގެނެސްދޭފަދަ އުފާވެރިކަމެއް އެކުލެވިފައި ވެއެވެ.

މިޒަރެން ހުރީ ސޭމެސްއާއި ލުގަލްބަންދާއާއެކު ގޮސް އަތިރިމަތީގައެވެ. ދުވަހާއި ތަނާއި ވަގުތު ކަނޑައަޅައި، ކައިވެންޏަށް ބޭރީތަށް ދަޢުވަތު ފޮނުވުމުން މިފަހަރު ވެސް ބޭރީތު އައުމުގެ ޝައުގެއް ފާޅެއްނުކުރިއެވެ. އެހެންނަމަވެސް ފޮނުވި ޖަވާބުގައި އޭނާގެ އެންމެ ގާތް މީހާ، ލާވީއާއި ޢާއިލާގެ އިތުރު މެންބަރަކު ބައިވެރިވާނޭކަން ބޭރީތު ބުނެފައި އޮތެވެ. އެ މީހުންނަށް މަރުޚަބާ ކިޔުމަށް ޒިޔަޒެލް ޚިޔާރުކުރީ މިޒަރެންނާއި ސޭމެސްގެ އިތުރުން ލުގަލްބަންދާއެވެ. ހަމަޖެހިފައިވާ އުސޫލުން ކަންކަން ކުރިއަށްދޭތޯ ބެލުމުގައި ޒިޔަޒެލް އަވަދިނެތި އުޅެއެވެ. މީކާޢިލްއާއެކު ޖޫދާ ހުރީ ރަށުގައި ހުރި އެންމެ ދިގު ރުކުގެ ކޮޅުގައި މަޑުކޮށްލައިގެންނެވެ. އޭނާ އަދިވެސް މީކާޢިލްއާ ޝަކުވާކުރަނީއެވެ. ވިސްނައިދޭން މަސައްކަތްކުރަނީއެވެ. ކައިވެންޏާމެދު އޭނާވަނީ ޝައްކެއްގެ މަތީގައެވެ. މައްސަލައަކީ ބޭރީތުގެ ދަރިއަކަށް ރައުލްވާތީއެވެ. އެ އަޑުތަކަށް މީކާޢިލް ޚިޔާރުކުރީ ހިމޭންކަމެވެ. ދަރިފުޅުގެ ކައިވެނި ކުރެވެންވީ ވަގުތު ގާތްވަމުން އައިވަރަކަށް ދަރިފުޅުގެ މަންމަގެ ހަނދާންތަކުން މީކާޢިލްގެ ނަފްސު ބަނދެވެމުންދިޔައެވެ. މިދުވަސް ދުށުމަށް މިޝަލް ހުރިނަމައޭ މީކާޢިލްގެ ހިތަށް އަރަނީއެވެ. އެ ދަރިފުޅު މިއަދު އެންމެބޮޑަށް ބޭނުންވަނީ މިޝަލްގެ އެހީތެރިކަމަށްކަން މީކާޢިލްގެ ޟަމީރު ވެސް ޤަބޫލުކުރެއެވެ. ކައިވެންޏަކަށް ދަރިފުޅު ތައްޔާރުކުރާނޭ ގޮތެއް މީކާޢިލްއަކަށް ނޭނގެއެވެ. އެކަމާ ގުޅުވައިގެން ދަރިފުޅާ ދައްކާނީ ކޮންވާހަކައެއްކަމެއް ވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. އިޙްސާސްކުރެވޭ އުފަލުގައި ހިތްދަތިކަމުގެ އަސަރު ވެސް ވިއެވެ. މިފަދަ ވަގުތެއްގައި ބައްޕަގެ ހިތުގައި ހިނގާނޭ ޝުޢޫރުތަކަކީ މީބާއޭ މީކާޢިލްގެ އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ.

"މިޝަލް..." ބޭއިޚްތިޔާރުގައި މީކާޢިލްއަށް ބުނެލެވުނެވެ. އެކަން ރެއަކާލީ ގާތުގައި ހުރި ޖޫދާ ވާހަކަދެއްކުމުންނެވެ.

"މިޝަލްއަކީ ކާކު؟" ޖޫދާ އެއްސެވެ. އެ ވާހަކައެއް މިވަގުތު ދެއްކުން ބުރައަކަށްވެފައި ހުރި މީކާޢިލްއަށް ހިތްހަމަޖެހުމެއް ލިބުނީ ރުށްދޮށުން ޔޫޝައު ގޮވާލި އަޑު އިވިގެންނެވެ.

"މީކާޢިލްގެ އިންތިޒާރުގައި އަބްދުﷲ އެބައިން، އަހަރެމެންގެ އަޙު އިމްރާނު ވެސް އަތުވެއްޖެ" ޔޫޝައު ބުނި އަޑު އިވުނެވެ. ޖޫދާގެ ކޮނޑުގައި ޖަހާލަމުން މީކާޢިލް ތިރިއަށް ފައިބަން ފެށިއެވެ. އަދި ޔޫޝައު ގާތު އައުމަށް ބުނެ އެންމެން އެކުގައި ވާހުގައި މަންޒިލަށް ދިޔައެވެ.

(ނުނިމޭ)