އެކި ކަންކަމާ ހެދި ރޭގަނޑު އެއްކޮށް ހޭލައި ހުންނަންޖެހޭ ފަހަރުވެސް އާދެ އެވެ. ޓެސްޓަށް ކިޔަވަން، ތިމާގެ މީހަކު އެމަޖެންސީ ރޫމްގަ ބާއްވައިގެނެވެ. އަދި ބައެއް މީހުން ފިލްމު ބެލުމާއި ތާސް ކުޅުމާ ހެދިއެވެ. ނަމަވެސް ރޭގަނޑު އެއްކޮށް ހޭލަ ހުރުމަކީ މީހާގެ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫންނެވެ.
ރޭގަނޑުގެ އެއްގަޑި އިރުގެ ނިދި ގެއްލޭ ނަމަ އެއިންވާ ގެއްލުން ބޮޑު އިރު މުޅި ރޭ އެއްކޮށް ހޭލާ ހުރުމަކީ ވަރަށް ނުރައްކާ ކަމެކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަމަނިދި ނުލިބިގެ ސަބަބުން އޭގެ ނުރައްކާ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ކުރެއެވެ. ރޭގަނގު ހޭލާ ހުންނަނަމަ ސިއްހަތަށް ދިމާވެދާނެ ނޭދެވޭކަންކަން ވެސް ހުރެއެވެ.
ދަސްކުރަން އުނދަގޫވުން
ފިލާވަޅެއް އެއްޗެއް ދަސްކުރުމަށް ވެސް ރޭގަނޑުގެ ނިދި ނަގާލައިގެން ހުރުމަކީ ބޭކާރު ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރޭގަނޑު ހަމަ ނިދި ނުހޯދައި އެއްޗެއް ދަސްކުރަން މަސައްކަތް ކުރާނަމަ އެއީ އުނދަގޫ ކަމެކެވެ. ފުރިހަމަ ނިންޖާ ނުލައި އާ މައުލޫމާތު ސިކުނޑީގައި ހަރުލެއްވުމަކީ އުނދަގޫ ކަމަކެވެ. މި ގޮތަށް ދަސްކުރާނަމަ ކުޑަ ވަގުތުކޮޅަކަށް އެ ދަސްކުރި މައުލޫމާތެއް ހަނދާން ހުއްޓަސް ފަހުން ހަނދާނުން ކައްސާލައިގެން ދެއެވެ.
ހަމަ ނިދި ނުހޯދާނަމަ ޑިޕްރެޝަނަށް މަގުފަހިވޭ
ހަމަ ނިދި ނުލިބޭނަމަ ޑީޕްރެޝަނަށް މަގުފަހިވެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 7 ނުވަތަ 9 ގަޑިއިރުގެ ނިދުން މުހިންމެވެ. މިއަށް ވުރެ މަދުން އާއްމުގޮތެއްގައި ނިދާ ނަމަ ސިއްހީ އެކި އެކި މައްސަލަތަކާއި ކުރިމަތި ވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އާއްމުކޮށް ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށް ވުރެ މަދުން ނިދާނަމަ އެންޒައިޓީ އާއި ޑިޕްރެޝަނަށް މީހާ ވެއްޓެ އެވެ. ރަނގަޅަށް ނުނިދާނަމަ މީހާގެ މޫޑަށް އަސަރުކޮށް އަވަހަށް ރުންކުރުވެ އެހެން މީހުންނާއި އޮންނަ ގުޅުމަށް ބުރޫ އަރަ އެވެ.
ޕާފޯމަންސަށް އަސަރު ކުރޭ
ހަމަ ނިދި ނުލިބޭނަމަ މީހާގެ ޕާފޯމަންސަށް އަސަރު ކުރެ އެވެ. ކަންކަމާމެދު ވިސްނުމާއި އަވަހަށް ރިއެކްޓް ކުރުމުގެ އިތުރުން ހަނދާނަށް ކުރާ އަސަރުގެ ސަބަބުން އެމީހެއްގެ ވަޒީފާ އެންމެ ފުރިހަމަ އަދާކުރުމަށް ބުރޫއަރަ އެވެ. އަދި ކޮންމެ ދުވަހަކު އާއްމު ދިރިއުޅުމުގައި ކުރާ ކަންކަމަށް ވެސް ބުރޫ އަރައެވެ. މި ގޮތުން "ޑްރައުސީ ޑްރައިވިން" ގެ ސަބަބުން އެތައް ކާރު އެކްސިޑެންޓެއް ވެސް ކޮންމެ އަހަރު ދުނިޔޭގައި ހިނގައެވެ.
ގައިގަ ހަންގަނޑަށްވެސް މީގެ އަސަރު ކުރޭ
ލޯ ކައިރި ކަޅުވުމަކީ ރަނގަޅަށް ނުނިދާނަމަ ގިނަ މީހުނަށް ދިމާވާ ކަމެކެވެ. މިއަށް ވުރެ ބޮޑު އަސަރުތަކެއް ވެސް ގައިގަ ހަންގަނޑަށް ހަމަ ނިދި ނުލިބުމުގެ ސަބަބުން ކުރެއެވެ. މީހާއަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ ހަށިގަނޑުން ގިނަ އަދަދަކަށް ސްޓްރެސް ހޯމޯން ކޯޓިޒަލް ރިލީސް ކުރެ އެވެ. އޭގެ ސަބަބުން ހަންގަނޑުގެ އޮމާން ކަމާއި އިލާސްޓިކްކޮށް ބަހައްޓައިދޭ ޕްރޮޓީން ކޮލާޖަން ހަލާކުކޮށްލަ އެވެ.
ރަނގަޅަށް ނުނިދާ ނަމަ ބަރުދަން އިތުރުވޭ
ރަނގަޅަށް ނުނިދާނަމަ މީހާގެ ބަރުދަނަށް ވެސް އަސަރު ކުރެ އެވެ. ހޭލާ ހުރުމުން ގިނައިން ބަނޑުހައިވެ ކާހިތްވެ ގިނައިން ކެވުންވެސް މިއީ ދިމާވާ ކަމެކެވެ. ދިރާސާ އަކުން ދައްކާ ގޮތުގައި މަދުވެގެން ހް ގަޑި އިރު ނުނިދާ މީހުންގެ 30 ޕަސެންޓަކީ ފަލަ މީހުނެވެ.