ހަބަރު

އިންޑިއާގެ ރާޑަރުތައް ހަރުކޮށް ނިމުމާ ގާތަށް

Apr 23, 2019
4

ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ 10 ރާޑަރުގެ ތެރެއިން ހަތަރު ރާޑަރު ސްޓޭޝަނެއް ހަރުކޮށް ނިމިފައިވާ ކަމަށް އެމްއެންޑީއެފުން މިދިޔަ ބުނެފައިވާއިރު، ބާކީ ހުރި ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތުގައި އިންޑިއާގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ހަރަކާތްތެރިވަމުންދާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެ ގޮތުން މިހާރު، ހަތް ރާޑަރު ސިސްޓަމެއް ހަރުކޮށް ނިމިފައިވާކަމަށް އިންޑިއާ އޮފިޝަލުންނާ ހަވާލާދީ އެ މީޑިއާތައް ވަނީ ހާމަކޮށްފަ އެވެ.

އަލަށް ހަރުކުރެވޭ ރާޑަރުތައް އެއް ވިއުގަކުން، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ އިތުރުން ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި ގުޅާލެވި، މި ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ވަގުތުން ލިބިގެންދާނެކަމަށްވެ އެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރައްދަކީ ހާއްސަ ސަމާލުކަމެއްދީ ބަހައްޓަން ޖެހޭ ސަރައްދަކަށް ވުމުން މީގެ ކުރިން ރާއްޖޭގައި ބޭނުންކުރި ރާޑަރު ސިސްޓަމްތަކާ ހިލާފަށް އާ ރާޑަރު ސިސްޓަމްތަކުގައި ހިމެނޭ އިލެކްޓްރޯ އޮޕްޓިކަލް ސެންސަސްގެ އެހީގައި ކޮމާންޑް ސެންޓަރުން ބަލައިލެވޭނެ ކަމަށް އެމްއެންޑީއެފުން މިދިޔަ މަހު ބުނެފައިވެ އެވެ.

ރާޑަރު ސިސްޓަމްތައް ހަރުކޮށް ނިމުނު ކަމުގައިވިޔަސް މުޅި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު އެ ރާޑަރުތައް މެދުވެރިކޮށް ނުބެލެއްޓޭނެ ކަމަށާއި އެކަމަށް އެހެން ވަސީލަތްތައް ބޭނުންވާނެ ކަމަށް ވެސް އެމްއެންޑީއެފުން އިތުރަށް ބުނެފައިވެ އެވެ.