ހަބަރު

ބޭރު މީހުނަށް ބިން މިލްކު ނުކުރެވޭ އިސްލާހު ތަސްދީގު ކޮށްފި

Apr 23, 2019

ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް މިފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގުކޮށް، މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ. އެއީ ގާނޫނު އަސާސީއަށް ގެނައި ހަތަރު ވަނަ އިސްލާހެވެ.

ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓާއެކު އެވެ. ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެއީ ސީދާ 64 މެންބަރުންނެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި އެންމެ ކުރިން އޮންނަ ގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ޖޫން މަހު ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، އެމްޑީޕީ އާއި ޖޭޕީގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ވަނީ އެ މާއްދާ ބަދަލުކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް ކަނޑައަޅާ އެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރި އެވެ. އަދި ގާނޫނު އަސާސީގެ 302 ވަނަ މާއްދާ އިން 309 އާ ހަމަޔަށް ބޭރު ފަރާތްތަކަށް ބިން މިލްކު ކުރެވޭ ބާބެއް ވެސް ހިމެނި އެވެ.

ނަަމަވެސް އެ މައްސަލާގައި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. އަދި އޭރު އެ ބަދަލު ގެނައުމަށް ވޯޓު ދެއްވި އިދިކޮޅު މެންބަރުން ފަހުން ވަނީ އެކަމަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ މެންބަރުން އެގޮތަށް ވޯޓު ދެއްވީ އޭރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ސަރުކާރާއެކު ހެދި ޑީލްއަކަށް ކަމަށް އޭރު ވަނީ އަޑު ފެތުރިފަ އެވެ.

ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެކެވެ.