ކުޅިވަރު

ސެމީ ފައިނަލުން ސާއިދަށް ކުރިއަކަށް ނުދެވުނު!

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ވާދަ ކުރި، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދަށް ކުރިއެރުމެއް ނުލިބުނެވެ.

ޖުލައި މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރު ވަމުން އަންނަ، ދުވުންތެރިޔާ އޭޝިއަން ޝެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކުރީވެސް ހަނި ފުރުސަތަކުންނެވެ.

އޭނާ ސެމީ ފައިނަލަށް ދަތުރު ކުރީ، ވާދަ ކުރި ހީޓުން ފަސް ވަނަ ހޯދައި، ފަސް ހީޓްގެ ތެރެއިން ފަސް ވަނައިގައި އެންމެ އަވަހަށް ރޭސް ނިންމުމުންނެވެ. އޭނާ ރޭސް ނިންމީ 10.47 ސިކުންތުންނެވެ. ފަސް ވަނައިގައި ނިންމާލި އެހެން ދުުވުންތެރިޔަކަށް އެއަށް ވުރެ އަވަހަށް ރޭސް ނިންމައި ނުލެވުނެވެ.

ސެމީ ފައިނަލުގައި، އިއްޔަ ވާދަ ކޮށް ސާއިދުއަށް ލިބުނީ ހަ ވަނަ އެވެ. އެއީ ވާދަ ކުރި އަށް ދުވުންތެރިންގެ ތެރެއިންނެވެ. އޭނާ ރޭސް ނިންމީ 10.56 ސިކުންތުންނެވެ.

ސެމީ ފައިނަލުގައި ސާއިދު ވާދަ ކުރީ، އޭޝިއާގެ އެންމެ ވަރުގަދަ ތިން ގައުމާ ދެކޮޅަށެެވެ. އޭނާ ދުވި ހީޓުގެ އެއް ވަނަ އާއި ދެ ވަނަ އަދި ތިން ވަނަ ހޯދީ، ޖަޕާން، ކޮރެއާ އަދި ޗައިނާގެ ދުވުންތެރިންނެވެ. އެއް ވަނަ ހޯދި ޖަޕާންގެ ރޮއިޓޯ ޔަމަގާޓާ ރޭސް ނިންމީ، 10.18 ސިކުންތުންނެވެ.

ސަތޭކަ މީޓަރުގެ ރަން މެޑަލް ހޯދީ، ޖަޕާންގެ ޔޮޝިންޑޭ ކިރޫ އެވެ. އޭނާ އެއް ވަނަ ހޯދީ 10.10 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ ހޯދީ އިންޑޮނޭޝިއާގެ ލާލް މުހައްމަދު ޒޮހްރީ އެވެ. އޭނާ ރޭސް ނިންމީ 10.13 ގަ އެވެ. ތިން ވަނަ ހޯދީ ޗައިނާގެ ޒިކިއަންގް ވޫ އެވެ. އޭނާ ރޭސް ނިންމީ 10.18 ސިކުންތުންނެވެ.