ދުނިޔެ

24 ގަޑިއިރުތެރޭ ފިލިޕީންސްއަށް ދެ ބިން ހެލުން

ފިލިޕީންސަށް ބިންހެލުމެއް އައިތާ 24 ގަޑި އިރު ނުވަނީސް އެއަށްވުރެ ބާރުގަދަ ދެވަނަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އިއްޔެ އެ ގައުމުގެ މެދުތެރެއަށް ރިކްޓާ މިންގަޑުން 6.1 ގެ ބާރުމިނުގައި އައިސް ބިންހެލުމުގައި މިހާތަނަށް 11 މީހުން މަރުވެފައި ވާއިރު ދެވަނަ ބިންހެލުމެ އައީ ރިކްޓާ މިންގަނޑު 6.3 ގަ އެވެ. ދެވަނަ ބިން ހެލުމުގައި މީހަކަ އަނިޔާއެއް ނުވެއެވެ.

އިއްޔެގެ ބިން ހެލުމާއި ގުޅިގެން ޕަންޕަންގާ ޕްރޮވިންސްގެ ޕޮރަކް ޓައުންގެ ތިން މީހެއްގެ ގައިމައްޗަށް ގޭގެ ފާރު ވެއްޓި މަރުވެފައިވާއިރު އެ އަވަށުގެ ސުޕަމާކެޓެއް ވެއްޓި އެ އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ދެއެވެ. ފިލިޕިންސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިމާރާތް ދަށުގައި ތާށިވެފައި ތިބި މީހުން އަދަދު އަދި ވެސް ސާފެއް ނުވެއެވެ.

އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނި ގޮތުގައި ވެއްޓިފައިވާ ސުޕަމާކެޓުގެ ދަށުން ތާށިވެ ސަލާމަތަށް އެދި ގޮވަމުންދިޔަ ހަތް މީހަކު ރޭގެ ވަގުތެއްގައި ސަލާމަތް ކުރި އެވެ. އަދި ސަލާމަތް ނުކުރެވި އެތައް ބަޔަކު ތިބިކަމަށް ރެޑްކޮރޮސް އިން ބުނެ އެވެ.

އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުންނަށް އޮކްސިޖަން ފޯރު ކޮށްދިނުމުގެ ގޮތުން ބޮޑު ހޮޅިއެއްގެ އެހީގައި އިމާރާތުގެ އަޑިއަށް ވައި ފޯރުކޮދެމުން ދިޔައިރު މިއަދުގެ ވަގުތެއްގައި އޭގެ ތެރެއިން މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ.

ބިން ހެލުމުގެ ސަބަބުން ޕަންޕަންގާގެ ގިނަ އަދަދެއްގެ ގެތަކާއި މަގުތަކާއި ބުރިޖުތަކުގެ އިތުރުން ކްލާކް ފްރީޕޯޓްގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ.