ދުނިޔެ

އެމެރިކާގެ ލަޝްކަރަކީ ޓެރަރިސްޓުން ކަމަށް އިރާނުން ކަނޑައަޅައިފި

މެދުއިރުމަތީގެ ގައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ ލަޝްކަރަކީ ޓެރަރިސްޓުންތަކެއް ކަމަށް ކަނޑައަޅައި އިރާނުގެ ޕާލަމަންޓުން ބިލެއް ފާސްކޮށްފި އެވެ.

އީރާނުގެ މި ނިންމުން ކުއްލި ގޮތަކަށް އައީ އިރާންގެ ރިވޮލިއުޝަނަރީ ގާޑުންނަކީ ޓެރަރިސްޓުން ކަމަށް އެމެރިކާއިން ނިންމުމާއި ގުޅިގެނެވެ.

ވެރިރަށް ތެހެރާންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ 215 ބޭފުޅުންގެ ތެރެއިން 173 ބޭފުޅަކު މި ބިލަށް ވަނީ ތާއީދު ކުރި އެވެ.

ފާސްކުރި ބިލްގައިވާ ގޮތަށް ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ އެމެރިކާގެ ލަޝްކަރަށް އެހީތެރިވާ ކޮންމެ ފަރާތަކާމެދު އިރާނުން ފިޔަވަޅު އަޅަން ވެސް ނިންމާފައިވެ އެވެ.

އެމެރިކާގެ އެންމެ ގާތް ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ބަހްރެއިން އަދި އިޒްރޭލް ފަދަ ގައުމުތަށް ހިމެނެ އެވެ.

އަންނަ މޭ މަހު އެއްވަނަ ދުވަހުގެ ފަހުން އިރާނުގެ ތެޔޮ އެތެރެކުރާ ކޮންމެ ގައުމަކާމެދު އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެ ގައުމުން ވެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.