ހަބަރު

މައުސޫމާއި އާޒިމްގެ ސަސްޕެންޝަން އުވާލައިފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތު މައްޗަށް އޭސީސީން އެކުލަވައިލި ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން ފައިސާ ޖަމާވި މައްސަލާގައި ސަސްޕެންޝަންގައި ހުންނެވި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ ސަސްޕެންޝަން އުވާލައިފި އެވެ.

އޭސީސީން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އާންމުކުރި ރިޕޯޓްގައި އެ ހިޔާނާތުގައި ޝާމިލްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޑޮލަރު ގަނެފައިވާ ގިނަ ފަރާތްތަކާއި، ކުންފުނިތަކެއްގެ ނަންތަކުގެ ތެރޭގަައި އާޒިމާއި މައުސޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ދެބޭފުޅުންގެ ސަސްޕެންޝަން ވެސް ރައީސް މިއަދު އުވާލައްވާފައިވާ ކަމަށެވެ.

އޭސީސީގެ ރިޕޯޓްގައިވާ ގޮތުގައި، މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އާޒިމްގެ އެކައުންޓަށް އެސްއޯއެފް އިން 50،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

އެ ދެބޭފުޅުންގެ ސަސްޕެންޝަން އުވާލާފައިވާއިރު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނުގެ ސަސްޕެންޝަން ވެސް ވަނީ އުވާލާފަ އެވެ.

މަހުލޫފު ވަނީ އެސްއޯއެފުން 33000 ޑޮލަރު ބައްލަވައިގަތްކަމަށް ވިދާޅުވެ، ޑޮލަރު ގަތުމަށްފަހު އެ ކުންފުންޏަށް ފައިސާ ދެއްކި ރަސީދު ވެސް އާންމު ކުރައްވާފަ އެވެ. އަކުރަމްގެ އެކައުންޓަށް ވެސް 30،000 ޑޮލަރު ޖަމާވެފައި ވެއެވެ.