އަލީ އަޝްފާގު (ދަގަނޑޭ)

ބޮޑެތި މެޗުތަކުން ފުރުސަތުލިބެތީވެ އުފާކުރަން: ދަގަނޑޭ

Jul 13, 2015

މެލޭޝިޔާގައި ކުޅެން އަންނަ ޔޫރަޕުގެ ބޮޑެތި ކުލަބުތަކާ ދެކޮޅަށް ކުޅެން ފުރުސަތު ލިބޭތީވެ އެކަމާ އޭނާ އުފާކުރާ ކަމަށް ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

އޭނާ މިހެން ބުނީ މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސިވިލާތުގެ މަޝްހޫރު ލިވަޕޫލާ ދެކޮޅަށް ކުޅެން މެލޭޝިޔާއިން ނަގާ 20 ކުޅުންތެރިންގެ ޓީމުން އޭނާ އަށް ފުރުސަތު ދިނުމުންނެވެ.

"އަހަރެން ޝުކުރު އަދާކުރަން މެލޭޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް. އަދި (ގައުމީ) ކޯޗު ޑޯލާ ސަލާހަށް. އަދި (އަހަރެންގެ ކުލަބު) ޕީޑީއާރުއެމް އަށް. މިއީ ވަރަށް ރަނގަޅު ފުރުސަތެއް ލިބުނު. ލިވަޕޫލަކީ އެންމެ ބޮޑު އެއް ކުލަބު،" މި ވަގުތު މާލޭގައި ހުރި ދަގަނޑޭ ބުންޏެވެ.

ހުސްވި މަހު އިނގިރޭސި ކުލަބު ޓޮޓެންހަމާ ދެކޮޅަށް ވެސް ފުލްކޮށް ކުޅުނު ދަގަނޑޭ ބުނީ އޭނާ އަށް ފުރުސަތު ލިބެނީ އޭނާ އަށް ކޯޗާއި މެނޭޖްމަންޓުން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.

ދަގަނޑޭ އަކީ މެލޭޝިޔާ ލީގުގައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން މި މެޗުން ފުރުސަތު ލިބުނު ފަސް ކުޅުންތެރިންގެ ތެރެއިން އެކެކެވެ. މެލޭޝިޔާގެ މިހާރުގެ ގައުމީ ކޯޗު ސަލާހަކީ މިދިޔަ އަހަރު ދަގަނޑޭ އަށް ޕީޑީއާރުއެމްގައި ކޯޗުކޮށްދިން ކޯޗެވެ.

"އަޝްފާގަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކުޅުންތެރިއެއް. އޭނާ އަކީ ފެންވަރު ހުރި މޮޅު ކުޅުންތެރިއެއް. އޭނާ ވަނީ ޓޮޓެންހަމް މެޗުގައި މި މެޗުން އޭނާ އަށް ފުރުސަތު ދޭން ޖެހޭކަން ސާބިތުކޮށްދީފައި. އޭނާ މި މެޗުގައި ކުރީ މެޗަށްވުރެ މޮޅަށް ވެސް ކުޅެފާނެ. އަހަރެންގެ އުއްމީދު އެބައޮތް އޭނާއާ މެދު،" ކޯޗު މިއަދު ބުންޏެވެ.

އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާއިން ވިދާލައި ފަހުން ނިއު އާއި ވީބީ އަށް ކުޅުނު ދަގަނޑޭއަކީ ޔޫރަޕުގެ ކުލަބުތަކުން ވެސް ފުރުސަތު ލިބުނު ކުޅުންތެރިއެކެވެ.