ހަބަރު

އޮޑިޓް ލަފާ ދެވޭ ވަރަށްވުރެ އެމްއެމްޕީއާރުސީގެ ހާލަތު ދެރަ

Apr 23, 2019

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ 2015 ވަނަ އަހަރުގެ އޮޑިޓަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ލިބިފައިނުވާތީ، އޮޑިޓް ލަފާވެސް ދެވެންނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު، އޮޑިޓް އޮފީހުން ބުނީ އެ ކުންފުންޏަށް އޮޑިޓު އޮފީހުގެ ލަފާ ދެވޭ މިންވަރަށް މާލީ މުއާމަލާތްތަކުގެ މައުލޫމާތު ދެނެގަނެވިފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ހަރު މުދަލުގެ ރިކޯޑު ރަނގަޅަށް ބަލަހައްޓަމުން ގޮސްފައި ނުވާތީ، އެމްއެމްޕީއާރުސީގެ ފައިނޭންޝަލް ސްޓޭޓްމެންޓުގައި ކުންފުނީގެ ހަރު މުދަލުގެ އަގަކީ 7,113,853 ރުފިޔާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއީ ސައްހަ އަދަދެއް ކަމަށް ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ފަޅުރަށްތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާ އަ ލިބެން ޖެހޭ ފައިސާގެ ތަފްސީލު ވެސް ސާފުނުވާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ އެމްއެމްޕީއާރުސީ އަށް ފަޅުތައް ވިއްކައިގެން 1,030,981,200 ރުފިޔާ ލިބެންޖެހެ އެވެ.

އޭގެ ތެރެއިން 2015 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 1,354,801,755 ނުލިބޭ ކަމަށް ބުނެފައިވާ އިރު، އެ އަދަދުތައް ކަށަވަރު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް އޮޑިޓަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް އޮފީހުން އިތުރަށް ބުނެފައިވެ އެވެ. އެވެ.

އެމްއެމްޕީއާރުސީގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތަފްސީލުތައް ފޯރުކޮށްދީފައި ނުވާތީ، 2015 ވަނަ އަހަރުގެ ނިޔަލަށް އެމްއެމްޕީއާރުސީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަންވެސް ޔަގީން ނުވާކަމަށް މިއަދު އާންމުކުރި ރިޕޯޓުގައި ބުންޏެވެ.

އެމްއެމްޕީއާރުސީގެ ކަސްޓަމަރުންގެ އަތުން ނަގާފައިވާ އެޑްވާންސް ޕޭމެންޓުތަކާއި، ކުންފުންޏަށް ލިބުނު އާމްދަނީ އަދި ހަރަދުތައް ކޮށްފައި ހުރިގޮތް ވެސް ޔަގީން ކުރެވިފައި ނުވާ ކަމަށާއި އެ ކަންތައް ޔަގީން ކުރުމަށް ބޭނުންވާ ހެކިވެސް ނުލިބޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓް އޮފީހުން ދޭންޖެހޭ ލަފާ ދިނުމަށް ބޭނުންވާ ހެކި ނެތުމުގެ ސަބަބުން ކުންފުނީގެ މާލީ ހަލަތާ ގުޅޭ ގޮތުން ސީދާ ލަފާއެއް ދޭން ދަތި ކަމަށާއި ލަފާ ދިނުމަށް ބޭނުންވާ މައުލޫމާތު ވެސް ލިބިފައިނުވާ ކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރަށްތަކާއި ފަޅުތަކަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައަކީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ހިޔާނާތުގެ އެންބޮޑު މައްސަލަ އެވެ.

އެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު 1.4 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފައި ނުވާ އިރު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކޮށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މި ފަހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.