ހަބަރު

ބޮޑު ހިޔާނާތާގުޅޭ ޗެކްތަކުގެ އެންޑޯޒް ޕްރޯސެސް ފުރިހަމަނުވޭ: އޮޑިޓް އޮފީސް

Jun 27, 2019
6

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިންގި ބޮޑު ހިޔާނާތުގައި ބެންކުތަކުގެ އިހުމާލު އޮތް ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ރިޕޯޓާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެކުއިސިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް އަމިއްލަ ކުންފުނިތަކަކަށް ޑައިވާޓް ކޮށްފައިވަނީ ޗެކުތައް އެންޑޯޒްކޮށްގެން ކަމަށެވެ. އެމްއެމްޕީއާރުސީއަށް އެކުއިޒިޝަން ކޮސްޓް ދެއްކި ފަރާތްތަކުން ދިން ޗެކުތައް އެންޑޯޒްކޮށް މައިގަނޑު ގޮތެއްގައި ތިން ކުންފުންޏަކަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޯޑު ރިޒޮލިއުޝަނާ ހިލާފަށް ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޯޑް ރިޒޮލިއުޝަނަކުން ނިންމާފައިވަނީ އެ ކުންފުންޏަށް ލިބޭ ޗެކުތައް އެންޑޯޒް ކުރާނީ ދެ ބޯޑު މެންބަރުންގެ ސޮއިއާއެކު ކަމަށެވެ. ނަމަވެސް، ހިޔާނާތުގެ ތެރެއިން އެންޑޯޒްކުރި ގިނަ ޗެކުތަކުގައި ސޮއި ކުރައްވާފައިވަނީ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު އެކަނި ކަމަށް އޮޑިޓަށް ފާހަގަވެފައިވާާ ކަމަށް އައިމަން ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ބޭންކުތަކުން ޖަވާބުދޭންޖެހޭ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.

"ބޭންކުން ނެރުނު ބަޔާނެއްގައި އެބަ ބުނޭ އެންޑޯޒްކޮށްފައިވާ ޗެކުތަކުގެ ސައްހަކަން ބަލަން ނުޖެހޭނެކަމަށް. އެކަމަކު ބޭންކަށްވެސް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަންގައި އެބަ ބުނޭ އެންޑޯޒްކުރާ ޗެކުތަކުގައި ދެ ބޯޑު މެންބަރުންގެ ސޮއި އިންނަންޖެހޭކަމަށް. އެހެންވީމަ އަޅުގަނޑުމެން މި ބުނަނީ އެމްއެމްޕީއާރުސީގެ ޗެކުތައް އެހެން ކުންފުނިތަކަށް ޖަމާކޮށްދީފައިވާއިރު އެންޑޯޒް ޕްރޯސެސް ފުރިހަމައެއް ނުވެއޭ،" އައިމަން ތަފްސީލްކޮށް ދެއްވި އެވެ.

ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަން އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 12.8 މިލިއަން ޑޮލަރެވެ. އެ ފައިސާތައް މައިގަނޑު ގޮތެއްގައި ބޭރުކޮށްފައިވަނީ އެސްއޯއެފާއި، މިލޭނިއަމް ކެޕިޓަލްގެ އިތުރުން މޯޓިލިއަން ކިއާ އަމިއްލަ ކުންފުނިތަކެއް މެދުވެރިކޮށެވެ.

އެ މުއާމަލާތްތައް ހިންގާފައި ވަނީ އެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ގިނަ ބޭންކުތަކުގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓުތައް މެދުވެރިކޮށެވެ. ހާއްސަކޮށް އެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ ގިނަ މުއާމަލާތްތައް ހިންގާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެކައުންޓުތަކުން ކަމަށްވާއިރު، އެކަމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތު މީގެ ކުރިން ވެސް އެ ބޭންކަށް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް، އެސްއޯއެފް ކުންފުނީގެ އެކައުންޓުތަކުން ކުރަމުން ދިޔަ ޝައްކު ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު، އެކަން ފަޅާއެރުމުގެ އަހަރެއްހާ ދުވަސްކުރިން ކަމާ ބެހޭ ފަރާތްތަކަށް ބީއެމްއެލްއިން ހިއްސާކުރި ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފަ އެވެ. އެ މުއާމަލާތްތަކުގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މައްސަލާގައި އޮޑިޓް އޮފީހުގެ ދައުރާގުޅޭ ގޮތުން މެންބަރުންގެ ގިނަ ސުވާލުތަކެއް ކުރި އެވެ. އެކަމަށް ރައްދު ދެއްވަމުން އައިމަން ވިދާޅުވީ ޖަވާބުދާރީ ކުރުވަންޖެހޭ މުޅި ނިޒާމް އެ މައްސަލާގައި އިހުމާލުވެފައިވާ ކަމަށެވެ. އެެއީ އެމްއެމްޕީއާރުސީގެ ދެ ރިޕޯޓުގައި ވެސް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިމެނޭ ކަމަށް ތުހުމަތުކުރެވޭކަން ކަމާބެހޭ ހުރިހާ އިދާރަތަކަށް ހިއްސާ ކުރި ނަމަވެސް އެކަންކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށް އައިމަން ވިދާޅުވި އެވެ.