އެމްއެމްއޭ

ބޮޑު ހިޔާނާތް ތަހުގީގުކުރުމުގައި އެފްއައިޔޫގެ އިހުމާލެއް އޮތްތޯ ބަލަނީ

Dec 18, 2018
2

އެމްއެމްޕީއާރުސީގެ ފައިސާތަކެއް އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވަމުން ދިޔަ މައްސަލަ، މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫ އިން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ނުވާ މައްސަލަ އޭޭސީސީއިން ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، އޭސީސީއިން ހިންގާ ތަހުގީގާ ގުޅޭ ގޮތުން ނެރުނު ފުރަތަމަ ތަފްސީލީ ނޫސްބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީއާ ގުޅުން ހުރި، ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތްތަކެއް ހުރެގެން ބޭންކުގެ ފަރާތުން އެފްއައިޔޫއަށް ރިޕޯޓްތަކެއް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލަތައް ތަހުގީގުކޮށް، އެ ކަންތައްތަކުން މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކުކުރެވޭ ވަރުގެ އިންޑިކޭޝަންއެއް ލިބިފައިނުވާކަމަށް ނިންމައި، އެ މައްސަލަ ތަހުގީގީ އިދާރާތަކަށް އެފްއައިޔޫއިން އޭރު ނުފޮނުވަން ނިންމި ކަމަށެވެ.

އެހެން ނަމަވެސް، އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށް ބުނީ، އެފްއައިޔޫއިން ރިޕޯޓް އެކުލަވާލިއިރު، އެމްއެމްޕީއާރުސީގެ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ، އެ ފައިސާ ކުރު މުއްދަތެއްގައި ތެރޭގައި ނަގުދު ފައިސާއިން ނަގަމުން ދިޔަކަން އެފްއައިޔޫއިން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަކީ އެފަދަ ޓްރާންސެކްޝަންތައް ހިންގޭނެވަރުގެ ގާބިލުކަމެއް ނެތް ކުންފުންޏެއްކަން އެ ކުންފުނީގެ ވިޔަފާރީގެ ފައިދާ އާއި އެކައުންޓް ބެލެންސްއިން އެފްއައިޔޫއަށް އެނގޭކަމަށް ވެސް ބަޔާނުގައިވެ އެވެ. އޭސީސީ އިން ބުނި ގޮތުގައި އެ ކުންފުނިން ހިންގާފައިވާ ޓްރާންސެކްޝަންތަކަކީ ކުންފުންޏާ ނުބައްދަލު މުއާމަލާތްތަކެއް ކަމަށް އެފްއައިޔޫގެ އެނަލިސިސްއަށް ފާހަގަކުރެވިފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރަން ކަމާ ބެހޭ މުއަސައްސާތަކަށް ނުފޮނުވަން ނިންމީ، އެ ކުންފުނިން އެ މުއާމަލާތްތައް ހިންގި ސަބަބު ހޯދުމެއް ނެތި އެވެ.

"އިސްވެ ދެންނެވުނު ޕްރައިވެޓް ކުންފުންޏާ ގުޅޭގޮތުން އެފްއައިޔޫއަށް ލިބިފައިވާ އެސްޓީއާރުގައި މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެސްޓީއާރު އެނަލިސިސް ރިޕޯޓުން އެނގެންއޮންނައިރު، އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި މިކޮމިޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މިމައްސަލައިގެ ތަހުގީގު މަރުޙަލާނިމި، މިހާރު ކުރިއަށްދަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ބީއެމްއެލްއިން ވެސް، ބުނެފައިވަނީ އެމްއެެމްޕިއާރުސީގެ ފައިސާތައް ޖަމާކުރި އެސްއޯއެފްގެ އެކައުންޓްގެ މުއާމަލާތްތަކާ މެދު ޝައްކުވެގެން އެކަން، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ޔުނިޓުން އޭރު ފިޔަވަޅުތަކެއް އަޅާފައި ނުވާތީ އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަޒީމާ އާދަމްއަށް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެކަމަކު އެ ތުހުމަތުތައް އެމްއެމްއޭއިން އޭރު ދޮގުކޮށްފައިވެ އެވެ.