ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅު ގުޑި އިވެންޓްގެ ބްެރޯޑްކާސްޓް ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ކައިޓް ސާފިން މޫދު ކުޅިވަރެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށް ގެންދާ ރާޅުގުޑި އިވެންޓް ބާއްވަނީ ސްލޯޓޭޕް މާފުށި ޑައިވް އިންނެވެ. އައްޑު އަތޮޅުން ހއ. ތުރާކުނަށް ބާއްވާ "ރާޅުގުޑި އިވެންޓް" އޮންނާނީ ރާއްޖެއަށް އެންމެ ވައި ފަހި މޫސުން ކަމަށްވާ ޖޫން މަހާއި ޖުލައި މަހުގަ އެވެ.
މި އިވެންޓް ބާއްވާ އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ. އެހެންވެ ކަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާމެދު މީހުންގެ ހޭލުންތެރި ކުރުވން މި އިވެންޓްގައި ހިމަނާފައި ވެއެވެ. އެކަމަށް ސަރުކާރުގެ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ.
ފައިގައި ސާފިން ބޯޑެއް ހަރުކޮށް ވައި ކުޑައެއްގެ އެހީގައި ދުއްވާ ކައިޓް ސާފިންގެ މި ދިގު އިވެންޓްގައި ބޭރު މީހަކާއެކު ހަތަރު އެތުލީޓަކު ބައިވެރިވާނެ އެވެ.
ދެކުނުން އުތުރަށް ރާޅުގުޑީގައި ސާފު ކުރާނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) އާއި އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީ ޒޫން އެވެ.
ރާޅުގުޑި އިވެންޓު އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނި ގޮތުގައި އައްޑު އަތޮޅުގެ އެންމެ ދެކުނު ބިތުން ތުރާކުނުގެ އެންމެ އުތުރު ބިތަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ.
އަވަސް އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މުޅި އިވެންޓް ކަވަރު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. "ރާޅު ގުޑި ދެކުނުން އުތުރަށް" އިވެންޓުގެ މެނޭޖަރު މުހައްމަދު ފައިސަލް (ކޭވީ) ވިދާޅުވެފައިވަނީ އިވެންޓުގައި ޕާޓްނަރުންގެ ގޮތުގައިވުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.