ހަބަރު

އެހެން ރައްޔިތުންނަށް ނުލިބޭ އިނާޔަތެއް ބޭނުމެއް ނުވޭ: ފަލާހު

Apr 23, 2019
3

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލްތަކާ ދެކޮޅު ކަމަށް ޕީޕީއެމްއަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހަޅާފައިވާ ބިލަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. ފަލާހަކީ އެ ބިލަށް މިހާތަނަށް ފާޅުގައި ދެކޮޅުކަން ހާމަ ކުރެއްވި ޕީޕީއެމްގެ ފުރަތަމަ މެންބަރެވެ.

ފަލާހު މިއަދު ވިދާޅުވީ އަދާ ކުރަމުންދިޔަ މަޖިލީހުގެ ދައުރު ނިމުމަށްފަހު އެހެން ރައްޔިތުންނަށް ނުލިބޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް އޭނާ ދައުލަތުގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ.

އަންނަ މަޖިލީހުގެ ގޮނޑި ފަލާހަށް ވެސް ކާމިޔާބެއް ނުކުރެވުނެވެ. އެހެންކަމުން މަޖިލީހުގެ މި ދައުރު ނިމޭއިރު އޭނާ ވެސް ވެގެން ދަނީ ކުރީގެ މެންބަރަކަށެވެ.

މެންބަރުންގެ އިމްތިޔާޒުގެ ގާނޫނަށް މެންބަރު ލަތީފު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާށެވެ. ގާނޫނު މިހާރު އޮތްގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖެހެނީ މެންބަރުންނަށް އެކަނި ކަމަށްވާއިރު އާއިލާގެ ބޭފުޅުންނަށް ބޭސްފަރުވާ ހަމަޖެހޭނެ އުސޫލެއް މިހާރު ނޯންނަ ކަމަށެވެ.

އެ އިސްލާހުގަައި މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ވެސް އިނާޔަތެއް ލިބިދޭންޖެހޭ ކަމަށް ހިމަނާފައިވެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް އިމްތިޔާޒުގެ ގާނޫނު އިސްލާހު ކުރުމަށް އެ ބިލްގައި ހުށަހަޅައިފައިވާއިރު މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަހުން ފެށިގެން އިނާޔަތް ލިބޭނެ ގޮތް ހަަމަޖައްސަން ވެސް ލަތީފްގެ އިސްލާހުގައި ބުނެ އެވެ.