ހަބަރު

ލަންކާގައި ދިން ހަމަލަތަކާއެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނަން: ރައީސް

މިދިއަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ހާލަތު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޖަލްސާގަ އެވެ. ރައީސް ސޯލިހު ވަނީ ލަންކާއަށް ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ. އަދި ނުރައްކާތެރި ޓެރަރިސްޓް އެ ހަމަލާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާފަ އެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރި ކުރަނީ، އެންމެ ހަރުކަށި އިބާރާތުން، އެއީ ސްރީލަންކާގައި ދިން ހަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަހައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން، ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 321 މީހުން މަރުވެފައިވާއިރު އިތުރު 375 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންއަންނަކަމަށް ލަންކާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ވެސް ލަންކާ ސަރުކާރުން ވަނީ ބުނެފައި ވެއެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ތުހުމަތު ކުރެ އެވެ.