ބާސެލޯނާ

ބާސާ ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް

ޑިޕޯޓީވޯ އަލަވޭޒްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް އެފްސީ ބާސެލޯނާ ޖެހިލައިފި އެވެ.

އަނަނަ ހޮނިހިރު ދުވަހުގެ ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލީގް ޗެމްޕިއަންކަން ބާސާއަށް ކަށަވަރު ކުރެވޭނެ އެވެ. އަލަވޭޒްގެ މެންޑިޒޯރާޒޯ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ބާސާއިން ނިކުތީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބެންޗުގައި ބައިންދައިގެންނެވެ.

އޭނާ ކުޅެން ނިކުތީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފަހަތުން ވަރުގަދައަށް ޑިފެންސް ކޮށްގެން ކުޅެމުން ދިޔަ އަލަވޭޒްގެ ޑިފެންސް ފޫއަޅުވާލަން ބާސާގެ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި އުނދަގޫވެގެން ދިޔަ އެވެ.

ބާސާގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޒުވާން މިޑްފީލްޑާ ކާލޭސް އަލޭނާ އެވެ. އެ ލަނޑު ޖަހަން އޭނާ ފުރުސަތު ތަނަވަސް ކޮށްދިނީ މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ސާޖިއޯ ބުސްކެޓްސް އެވެ.

ދެ ވަނަ ލަނޑު އޭގެ ދެތިން މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ. މެސީއަށް އަށް ފުރުސަތު ދިނީ އޭގެ ފަހުންނެވެ. މެސީ ކުޅެން ނިކުތީ އުސްމާން ޑެމްބެލޭގެ ބަދަލުގަ އެވެ.

ބާސާ އެއްވަނައިގައި އޮތީ 80 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ލިބިފައި ވަނީ 68 ޕޮއިންޓެވެ.