ހަބަރު

ސުލްހަ ބިނާވަނީ ޒިންމާ އަދާކުރުމުގެ މައްޗަށް: އިމްރާން

ރާއްޖޭގެ ސުލުހަ މަސަލަސްކަން ބިނާވަނީ ޒިންމާ އަދާ ކުރުމުގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފައްޓަވައިދެއްވަން މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ. ރ. އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން މި މަސައްކަތުބައްދަލުވުން ފެށީ ރ. އުނގޫފާރުގަ އެވެ.

މިއީ އަމާންވެއްޓެއް ގާއިމް ކުރުމަށާއި މީހާ ޒިންމާދާރު މީހަކަށް ހަދައި ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމަށާއި ޒިންމާދާރު ގޮތެއްގައި ރަށާއި އަތޮޅުގައި މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދޭން ކުރިޔަށް ގެންދާ ބައްދަލުވުމެކެވެ.

ބައްދަލުވުން ފައްޓަވައި ދެއްވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށާއި، މިއީ ގައުމުގެ މުސްތަގުބަލަށް ފަށާ ބައްދަލުވުމެއް ކަމަށެވެ.

"ކޮންމެބޭފުޅަކު އެނބުރި ރަށަށްގޮސް އަޅުގަނޑުމެންގެ ހަގީގީ ޒިންމާއާ ދޭތެރޭ ވިސްނާ ފިކުރުކޮށް، ގައުމުގެ ކޮންމެ ފަރުދަކާ ހަމައަށް އެ ޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތު އަދާކޮށްދިނުމަށް ނުކުންނަންޖެހޭ" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ ޒިންމާ އަދާކުރަން އެބައޮތްކަން ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭކަމަށާއި، އެޒިންމާތަކުގެ ކުރިމަތީގައި ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ސުވާލުކޮށްލަންވެސް ޖެހޭ ކަމަށެވެ.