އިންޑިއާ

ވެންގާގެ އެސިސްޓެންޓަކު އިންޑިއާގެ އެފްއޭއަށް!

ލެޖެންޑަރީ ކޯޗް އާސެން ވެންގާގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި، ރޮމޭނިއާގެ ޑޯރޫ އައިސަކް އިންޑިއާގެ ފުޓްބޯޅައިގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ހަވާލުވުމުގެ ފުރުސަތު ބޮޑު ވެއްޖެ އެވެ.

އިންޑިއާގެ ފުޓްބޯލް ފެޑްރޭޝަނުން ވަނީ، އެ ގައުމުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ގެނައުމަށްޓަކައި، ތިން ކެނޑިޑޭޓުންގެ ނަން ޝޯޓްލިސްޓް ކޮށްފަ އެވެ. އިންޓަވިއުއަށް ހާޒިރުވާން ދައުވަތު ދިނުމުން އޭގެ ތެރެއިން ދެ ކެނޑިޑޭޓުން އިހްތިޔާރު ކުރީ ސްކައިޕް މެދުވެރިކޮށް އިންޓަވިއު ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ޖަޕާންގެ ޔޮކަހާމާގެ އެފްސީގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ ނިންމީ އިންޑިއާއަށް ގޮސް އިންޓަވިއުއަށް ހާޒިރު ވުމަށެވެ.

އެމެރިކާގައި ހުރެފައި އިންޑިއާއަށް ދިޔަ ނަމަވެސް، ނިއުދިއްލީގެ އިންދިރާގާންދީ އެއާޕޯޓުން އޭނާއަށް ބޭރަށް ނުނިކުމެވުނެވެ. އެއީ އޭނާއަށް އޮންއެރައިވަލް ވިސާ ނުލިބުމުންނެވެ. އޭނާ ދަތުރު ކުރި ދުވަހަކީ އިންޑިއާއަށް ބަންދު ދުވަހެއް ކަމަށް ވުމުން އޭނާއަށް އޮންއެރައިވަލް ވިސާއެއް ނުލިބުނެވެ.

އިންޓަވިއު އަށް އޭނާ ސީދާ ދާން ނިންމުމުން އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން އޭނާއާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އަކީ އާސެނަލްގެ ކުރީގެ ކޯޗް ވެންގާގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ މީހެކެވެ. ފްރާންސްގެ ނެންސީއަށް ވެންގާ ކޯޗް ކޮށްދިން އިރު، ޑޯރޫ އައިސަކް ވަނީ އެ ކުލަބުގައި މަސައްކަތް ކޮށްފަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ، ޕޯޗްގަލްގެ ކުރީގެ ކޯޗް ކާލޯސް ކްއިރޯޒްގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ވޯލްޑްކަޕުގައި ފަސް ގައުމަކަށް އިރުޝާދު ދިން ސާބިއާގެ ކޯޗް ބޮރާ މިލްޓިނޮވިޗްގެ އެސިސްޓެންޓެއްގެ ގޮތުގައިވެސް ޑޯރޫ ވަނީ މަސައްކަތް ކޮށްފަ އެވެ.

އިންޑިއާގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ޖޯޖިއާގެ ގަޔޯޒް ޑާސެޑޭޒްވެސް ވަނީ ކުރިމަތިލާފަ އެވެ. އޭނާ ވަނީ 2005 ވަނަ އަހަރު ޖޯޖިއާ ސީނިއާ ޓީމަށް ކޯޗް ކޮށްދީފަ އެވެ. އަދި އެގައުމުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗް ކޮށްދިނެވެ. ޕޯޗްގަލްގެ ޖޯޖް ކަސެޓެލޯވެސް އެ މަގާމަށް ކުރިމަތި ލިއެވެ. އޭނާ އަކީ ސްޕޯޓްސް ސައިންސުން ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ޕޯޗްގަލްގެ ބެންފީކާގެ ޓެކްނިކަލް ޓީމުގައި 11 އަހަރު ވަންދެން މަސައްކަތް ކުރި އެވެ. އިންޑިއާގެ ފެޑްރޭޝަނުން އިންޓަވިއުއަށް ހާޒިރު ވުމަށް ދައުވަތު ދިނުމުން ޑާސެޑޭޒް އާއި ކަސްޓޭލޯވެސް އިހްތިޔާރު ކުރީ ސްކައިޕް މެދުވެރިކޮށް އިންޓަވިއު ދިނުމަށެވެ.