މަލާވީ

ތުއްތު ކުދިންނަށް މެލޭރިއާ ވެކްސިން ދިން ފުރަތަމަ ގައުމަކަށް މަލާވީ

މިހާތަނަށް ލައިސަންސް ކޮށްފައިވާ ހަމައެކަނި މެލޭރިއާ ވެކްސިންގެ އެހީގައި އެ ގައުމުގެ ތުއްތު ކުދިން ރައްކާތެރި ކުރި ފުރަތަމަ ގައުމަކަށް މަލާވީ ވެއްޖެކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލުއެޗްއޯ) އިން ހާމަކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން އިއްޔެ އިފްތިތާހު ކޮށްފައިވާ ޕްރޮގްރާމްގެ ދަށުން މަލާވީގެ ދެ އަހަރުން ދަށުގެ 120،000 ކުދިންނަށް އާރްޓީއެސްއެސް ނުވަތަ މޮސްކްއިރޮކްސް ވެކްސިން ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

މަޝްހޫރު ބޭސް އުފައްދާ ޖީއެސްކޭ ކުންފުނިން ތައްޔާރު ކޮށްފައިވާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިންސް އެޖެންސީން 2015 ގައި ވަނީ ދީފަ އެވެ. މިހާތަނަށް ހަދާފައިވާ އެ ވެކްސިންގެ ޓެސްޓުތަކުން ދައްކާ ގޮތުގައި ވެކްސިން ދެވޭ ކުދިންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ސަލާމަތް ކުރެވެ އެވެ.

ވެކްސިން ނުދޭ ކުދިންނާއި އަޅާ ބަލާއިރު ވެކްސިން ދީފައިވާ ކުދިންނަށް ބަލީގެ ސަބަބުން ދިމާވާކަންކަން ވަރަށް ބޮޑުތަން ކުޑަ ކުރެވޭ ކަމަށްވެސް އެ ޓެސްޓްތަކުން ދައްކާފައި ވެއެވެ

ޖީއެސްކޭ ކުންފުނިން މެލޭރިއާ ވެކްސިން އުފެއްދުމަށް 30 އަހަރު ހޭދަކޮށްފައިވާއިރު އެއް ބިލިއަން އެމެރިކާ ޑޮލަރު އެކަމަށް ހަރަދުކޮށްފައި ވެއެވެ. މަލާވީގެ އިތުރުން ކުރިއަށްއޮތް ތަނުގައި ކެންޔާ އަދި ގާނާގައި ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް އެކުންފުނިން 10 މިލިއަން ވެކްސިން ޑޯޒް ހަދިޔާކޮށްފައި ވެއެވެ.

މަލާވީގެ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު މައިކަލް ކަޔާންޖެ އުންމީދު ކުރައްވަނީ މޮސްކުއިރޮކްސް ވެކްސިންގެ ސަބަބުން އެ ގައުމުގައި ބާރަށް ފެތުރެމުންދާ މެލޭރިއާ ބަލި ފެންނަ އަދަދު ތިރިކުރެވި އެ ބަލީގައި މަރުވާ ތުއްތު ކުދިންގެ އަދަދު މަދު ކުރެވޭނެ ކަމަށެވެ.

ލިވަޕޫލް ސްކޫލް އޮފް ޓްރޮޕިކަލް މެޑިސިންގެ ޑީން އެލިސްޓެއާ ކްރޭގް މައުލޫމާތުދޭ ގޮތުގައި މެލޭރިއާ ފަދަ ޕެރަސައިޓިކް ބައްޔަކަށް ވެކްސިނެއް އުފެއްދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި މިހާރު މަލާވީގައި ދެވޭ ވެކްސިނަކީ އެންމެ ފުރިހަމަ ވެކްސިނަށް ނުވިނަމަ ވެސް އެތައް ހާސް ބަޔަކު ސަލާމަތް ކުރުމުގެ ގާބިލްކަން އެ ވެކްސިނަށް ލިބިގެން ވެއެވެ.

ވެކްސިންގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަަަަަަަަޅަންޖެހޭ އިތުރު ފިޔަވަޅުތަކާއި މެދު ފަރުވާ ކުޑަ ނުކޮށް މަދިރިގެއާއި އިންސެކްޓިސައިޑް ފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުކަން ދީފިނަމަ މެލޭރިއާ ބަލިން އިތުރައް ރައްކާތެރި ވެވޭނެކަމަށް ދުނިޔޭގެ ސިއްހަތާ ގުޅުންހުރި މާހިރުން ބުނެއެވެ.

ޑަބްލިއުއެޗްއޯ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެލޭރިއާ ބަލީގައި މުޅި ދުނިޔެއިން އަހަރަކު ގާތްގަނޑަކަށް 435،000 މީހުން މަރުވަމުން ދާއިރު އޭގެތެރެއިން 90 ޕަސެންޓަކީ އެފްރިކާއަށް ނިސްބަތްވާ 5 އަހަރުން ދަށުގެ ކުޑަކުދިން ނެވެ.