އާޓިފިޝަލް ބީޗް

ބަދަލުތަކާއެކު ރޯދައަށް އާޓިފިޝަލް ބީޗު ހުޅުވަނީ

ބަންދުކޮށްފައިވާ ހެންވޭރު އާޓިފިޝަލް ބީޗަށް ބަދަލުތައް ގެނައުމަށް ފަހު ރޯދަމަހަށް އެ ބީޗް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލެ ވަށައި ކަނޑު ތޮށީލުމުގެ ބޮޑު މަޝްރޫއު ހިންގި އިރު އެ މަޝްރޫގެ ތެރެއިން ހިލޭ ހަދައދިީފައިވާ އާޓިފިޝަލް ބީޗު ބަންދުކޮށް އެ ބީޗްގެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗްގެ މަސައްކަތް ރޯދައަށް ނިންމާލާއިރު އެ ސަރަހައްދު ސިފަވާނީ ޕާކެއްގެ ގޮތަށް ކަމަށާއި ބީޗްގައި ޖޯލި ފައްޗާއި އާއްމުން ހިތްހަމަ ޖައްސައިލެވޭނެ އެހެން ގިނަ ވަސީލަތްތައް ވެސް ގާއިމް ކުރާނެ ކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނުގެ ބޮޑު ބައެއްގައި ތާރު އަޅައި މަގު ފުޅާ ކުރި ފަހުން ޕާކިން ޒޯނަކަށް ވެފައި އޮތް އާޓިފިޝަލް ބީޗް ސަރަހައްދުން ބައެއް ވެހިކަލްތައް ނަގައި އެ ތަން މާލޭ ސިޓީ ކައުންސިލުން ހުސްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ފަށައިފައިވަނީ މިދިއަ ޖެނުއަރީ މަހު 14 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އެ ބީޗް ތަރައްގީ ކުރަން އޭރު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 13 މިލިއަން ރުފިޔާއަށެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި ގައި ހިންގަމުން ގެންދިޔަ ކެފޭތައް ބަންދުކޮށް އެ ތަނުގައި އަޅާފައިވާ ސްޓޭޖް ތަޅާލާފައި ވަނީ އެ ސަރަހައްދު ތަރައްގީ ކުރާށެވެ. ބީޗްގެ މަސައްކަތް މިހާރު 24 ގަޑިއިރު ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ކުރިން ވިދާޅުވެފައި ވަނީ އެ މަސައްކަތް ލަސްވީއެ ކުންފުނިން ހުށަހެޅި ޑިޒައިން އޭރުގެ ސަރުކާރަށް ކަމުނުދާތީ އަލުން ޑިޒައިން ކުރަން ޖެހިގެން ކަމަށެވެ.

ރޯދައަށް ބީޗް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނި އިެރު އެމްޓީސީސީން ވެސް ބުނެފައިވަނީ ރޯދައިގެ ކުރިން އެ ސަރަހައްދުގައި އިތުރު ގަސް އިންދައި ބެންޗްތަކެއް ބަހައްޓާނެ ކަމަށާއި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް ވެސް ހަދައި މޫދަށް އެ ރޭ ސަރަހައްދު އިތުރަށް ފުންކުރުމާއެކު ލައިފް ގާޑުން ބައިތިއްބާނެ ކަމަށެވެ.