ކުޅިވަރު

ފަސް އަހަރަށް ފަހު ރާޅުގަނޑުގައި މުބާރާތްތައް ފަށަނީ

ސިނަމާލެ ބްރިޖުގެ މަސައްކަތަށް 2015 ވަނަ އަހަރު ލޮނުޒިޔާރްކޮޅު ވަރުނުލާ ރާޅުގަނޑު ބޭނުން ކުރުން ހުއްޓާލާފައި އޮތް މުއްދަތު ނިމުމަށް ފަހު ރާޅާއެޅުމުގެ މުބާރާތްތައް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

"ސީ ސްޕޯޓްސް ރާޅު ސީސަން އޯޕަނިން 2019" ގެ ނަމުގައި ރާޅާ އެޅުމުގެ މުބާރާތް ބާއްވަން ސާފިން އެސޯސިއޭޝަނުން ވަނީ އިއުލާން ކޮށްފަ އެވެ. މުބާރާތް އޮންނާނީ އަންނަ ބުދަ ދުވަހުން ފެށިގެން މެއި މަހުގެ ހަތަރު ވަނަ ދުވަހަށެވެ. ހަތަރު ދުވަހަށް ކުރިއަށްގެންދާ މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.

ސާފިން އެސޯސިއޭޝަނުން ބުނީ، ލޮމުޒިޔާރަތް ކޮޅު ރާޅުގަނޑުގައި މުބާރާތެއް ބާއްވަނީ ފަސް އަހަރު ފަހުން ކަމަށެވެ. ފަސް އަހަރު ފަހުން ބާއްވާ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މުބާރާތުގައި ވާދަ ކުރުމަށް އިއްޔަގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 44 ފާރާތަކުން ބައިވެރިވެފައި ވެއެވެ. އެއީ ޝޯޓްބޯޑް ޑިވިޝަންގައި 23 ރާޅާއެޅުންތެރިން އަދި ބޮޑީ ބޯޑިން ޑިވިޝަންގައި 21 ރާޅާއެޅުންތެރިން ނެވެ.

މުބާރާތުގައި ލ އަަތޮޅުންނާއި ފުވައްމުލައް ސިޓީގެ ރާޅާ އެޅުން ތެރިން ވާދަ ކުރުމަށް މާލެ އަންނާނެ ކަމަށް ސާފިން އެސޯސިއޭޝަނުން ބުނެ އެވެ. މުބާރާތުގެ ސްޕޮންސަރުނާއެކު ރޭ ވަނީ ސޮއި ކޮށްފަ އެވެ.