ދުނިޔެ

ފަލަސްތީނު ކުއްޖެއްގެ ކަނުބަނދެ ދެފަޔަށް ބަޑިޖެހި މައްސަލަ ހޫނުވެއްޖެ

ފަލަސްތީނުގެ ކުޑަ ފިރިހެންކުއްޖަކު ހައްޔަރުކޮށް ފަހަތަށް ބިޑި އަޅުވާ ކަނުބަދެފައި ބަހައްޓައިގެން އޭނާގެ ފަޔަށް އިޒްރޭލު ސިފައިން ބަޑި ޖެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޕަލަސްތީނުގެ ބައިތުލަހަމް ކައިރީ އޮންނަ އަވަށެއް ކަމަށްވާ ތުކުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަނާޒާއަކަށް ފަހު ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލުގެ ސިފައިންނާއ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ ސަރަހައްދުގައި ދިރި އުޅޭ ރައްޔިތުން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ މިއަދު އެވެ.

އޭގެ ވިޑިއޯ ކްލިޕަކުން ފެންނަ ގޮތުގައި އުމުރުން 15 އަހަރުގެ އުސާމާ އަލްބަދާންގެ ފަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހަ އެވެ. އަދި އެ މީހުން ބަޑި ޖަހާފައިވަނީ އުސާމާ ފަހަތަށް ބިޑި އަޅުވާ ކަނުބަނދެފައި ހުއްޓަ ދުއްވައިގަތުމުން ނެވެ. އަލްބަދާން ދުއްވައިގަތް ވަގުތު އޭނަ ގާތުގައި އިޒްރޭލުގެ ސިފައިންގެ ހަތަރު މީހަކު ވެސް ތިބެ އެވެ.

އުސާމާގެ ދެ ފަޔަށް ވެސް އެ މީހުން ބަޑި ޖަހަ އެވެ. އަދި ބަޑި ޖެހުމަށްފަހު އިޒްރޭލުގެ ސިފައިންގެ މީހަކު ވަގުތުން އެ އުސާމާއަށް ފަސްޓް އެއިޑް ދޭން ވެސް މަަސައްކަތް ކުރެ އެވެ. އުސާމާއަށް އިޒްރޭލް ސިފައިންގެ މީހާ ފަރުވާ ދެމުން ދިޔައިރު އެހީތެރިވާން އެތަނަށް އެއްވި މީހުންނާއި ދިމާލަށް ބަޑި ދިއްކޮށް އިޒްރޭލް ސިފައިންގެ މީހާ ބުނަމުން ދިޔައީ "ކައިރިވީ މީހެއްގެ ބޮލަށް ބަޑި ޖަހާނެ" ކަމަށެވެ.

އޭނާއަށް ޖަވާބުދޭން "ތިމަންނާމެން ބޭނުމީ އޭނައަށް ފަރުވާ ދޭށޭ" ބުނުމުން އިޒްރޭލް ސިފައިންގެ މީހާ ބުނެފައި ވަނީ "އަހަރެންގެ އަމިއްލައަށް އޭނާއަށް ފަރުވާ ދޭނަން" ކަމަށެވެ.

އިޒްރޭލް ސިފައިން އުސާމާ ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކުގެ ތެރޭގައި ގާބުރިއެއް ހޫރައިލި ކަމަށް ތުހުމަތުކޮށްފަ އެވެ.

އުސާމާގެ ބައްޕަ ބުނަނީ އުސާމާ އެބާވަތުގެ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އޭނަ ހައްޔަރު ކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށެވެ. އަދި އޭނަ ގަލެއް އެއްލި ނަމަވެސް އެއީ އެނަގެ ދެ ފަޔަށް ބަޑި ޖަހާވަރުގެ އަމަލެއް ނޫން ކަމަށް ވެސް ބުންޏެވެ.

އުސާމާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު ކްލިނިކަށް ގެންގޮސަފައި ވާއިރު އޭނަ ވަނީ ހައްޔަރުން ދޫކޮށްލާފަ އެވެ.