ރިޕޯޓް

ކުއްލިއަކަށް ވަން އިސްލާހުތައް ބަލައިގަނެވޭތަ؟

Apr 26, 2019
14

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. މިހާތަނަށް މަޖިލީހުގައި ތިއްބެވި އަޑާއި ނުފޫޒުގަދަ ސިޔާސީ ވަރަށް ގިނަ ބޭފުޅުންނަށް ވަނީ ރައްޔިތުން ނޫނެކޭ ބުނެފަ އެވެ. މިހާރު މަޖިލީހުގައި ތިބި ގިނަ މެންބަރުންނަކީ އަލަށް ހުވާ ކުރާ މަޖިލީހުގައި ނުތިއްބަވާނެ އެވެ.

އާ މާޖިލިސް ހުވާކޮށް ދައުރު ފަށަން ކައިރިވަމުން ދާއިރު މި ވަގުތަށް ފެންނަނީ މަޖިލީހުގައި އެތައް މަސައްކަތްތަކެއް އެޖެންޑާކޮށް އެތައް ބިލަކަށް ބަހުސް ކުރާ މަންޒަރެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ "ބެކް ލޮގް ދުއްވާލާނީ" އޭ އެވެ.

މިހާރު ކަން ހިގާދާ ގޮތުން ބައެއް ފަރާތްތަކުގެ ސުވާލަކަށް އަދި ބޮޑު ހިތްހަމަ ނުޖެހުމަކަށް އޮންނަނީ އާ މަޖިލީހުގައި ހިމެނި ވަޑައި ނުގަންނަވާ މެންބަރުން އާ ބިލްތަކެއް ހުށަހަޅަމުން ގެންދާ މައްސަލަ އެވެ. އަދި ބޮޑެތި މައްސަލަތައް އަވަސް އަރުވާލައިގެން ނިންމަން މަސައްކަތް ކުރާތީ އެވެ. ހާއްސަކޮށް އިނާޔަތްތައް ދޭން ވެއްދި ހުށަހެޅުންތަކެވެ. އެކަން ވަނީ ބޮޑު ބަހުސަކަށްވެސް ބަދަލުވެފައެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާއާ ކައިރިވާއިރު އާ ގިނަ ބިލްތަކެއް ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭ ގިނައީ އާ މަޖިލީހަށް ހޮވިވަޑައިފެންފައި ނުވާ މެންބަރުުން ހުށަހެއްޅުއްވި ބިލްތަކެވެ. އެ މެންބަރުންނަށް އާ ބޮޑެތި ބިލްތައް ހުށަހަޅަން މިވަގުތު ޖާގަ ދެވެންޖެހޭ ހެއްޔެވެ؟ ބޮޑެތި ނިންމުންތައް ނިންމަން މިހާރު މިވަގުތު ޖާގަ ދެވެން ޖެހޭނެ ހެއްޔެވެ؟

އާ ބިލްތަކާއެކު ދެބަސްވުންތައް

ހުށަހެޅުނު ފާހަގަ ކޮށްލެވޭ ބިލްތަކަށް ބަލާއިރު. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހަޅާފައިވާ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާ އިސްލާހާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ފަނޑިޔާރުކަން ކުރައްވާފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ ގޮތަށް ކަނޑައަޅަން ހުށަހެޅި އިސްލާހު ހިމެނެ އެވެ.

މީގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ހުށަހެޅުއްވި މަޖިލިސް މެންބަރުކަމުން ވަކިވާ ހިސާބުން ފެށިގެން މާލީ އިނާޔަތް ލިބޭ އިސްލާހު ވެސް ހިމެނެ އެވެ. އަނބުރާ ގެންދެވި ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން ކުރައްވާފައިިވާ ފަރާތްތަކަށް ވީއައިޕީގެ ހިދުމަތް ދިނުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އިސްލާހެއް ހުށަހެޅުއްވި އެވެ.

މެންބަރުންނަށް އިނާޔަތް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން އާންމު ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.

"އަދިވެސް މެންބަރުންނަށްތޯ އިނާޔަތްތައް ދޭންވީ، މިހާރުވެސް އެހާ ގިނަ އިނާޔަތްތައް ލިބޭ، އަދި މެންބަރު ކަމުން ވަކިވުމުން އާ އިނާޔަތްތަކެއް ލިބޭ ގޮތަށް ހެދިގެން ނުވާނެ، ވަކިން ހާއްސަކޮށް އެފަދަ ހުށަހެޅުމެއް މި ދުވަސްވަރު ހުށަހަޅަން ފުރުސަތު ދީގެން ވެސް ނުވާނެ، އެއީ މިހާރު ތިބި ގިނަ މެންބަރުންނަކީ އަންނަ މަޖިލީހުގައި ތިބޭނެ ބައެއް ނޫން، ރައްޔިތުން އެކަންކަމާ ދެކޮޅު،" އެމްޑީޕީގައި ހިމެނޭ ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަށް އިނާޔަތްތައް އިތުރު ކުރުމަށާއި ފަނޑިޔާރުންނަށް އިނާޔަތް އިތުރު ކުރަން ހުށަހެޅި މެންބަރުންނަކީ އަންނަ މަޖިލީހަށް ހޮވިފައިނުވާ މެންބަރުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެފަދަ ބިލްތައް މިވަގުތު އެ މެންބަރުންގެ ފަރާތުން އަންނަނީ އަމިއްލަ ފައިދާ އަށެވެ.

އާ ބިލްތަކާއި ބޮޑެތި ބިލްތައް މަޖިލީހަށް ހުށަހެޅި އަވަސް އަރުވާލައިގެން ފާސް ކުރަން މަސައްކަތް ކުރަމުންދާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަނީ އެމްޑީޕީ އެވެ.

ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބުދުﷲ އާއި އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލްތަކަށް ވޯޓް ނުދެއްވާނެ ކަމަށް މިހާރުވެސް ވިދާޅުވެފަ އެވެ.

އެންމެ ބޮޑަށް އަޑު އުފުއްލަވާފައި ވަނީ އީވާ އެވެ. ފަނޑިޔާރުންނަށް އިނާޔަތްތައް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކަށް ބަހުސް ކުރެއްވި އިރު އީވާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މައްސަލައަކީ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮަޑަށް ހިލާފުތަކެއް އުފެދިފައިވާ މައްސަލައެކެވެ. އެހެން އޮއްވައި "މެންޑޭޓް ގެއްލިފައި" ތިއްބެވި މެންބަރުންތަކެއް އެ ފަރާތްތަކަށް އިނާޔަތްތައް ދޭން ފާސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"މެއި މަހު އެމްޑިޕީން ވަދެ މިކަންކަން ބަދަލު ކުރާނަން. ފަނޑިޔާރުންނަށްދޭ އިނާޔަތްތަކަކީ ތިމަންނާ ދިން އިނާޔަތެއްގެ ގޮތުގައި ދައްކައި މަސައްކަތް ގޯހުން ކޮށްފައި އޮތް ކަމެއް ވީއާ ބަދަލު ކުރާނަން،" އީވާ ވިދާޅުވި އެވެ.

އާ އިނާޔަތްތަކާއި އާބިލްތައް ހުށަހަޅައި އަވަސް އަރުވާލައިގެން މަސައްކަތް ކުރަން އެނގުނީ މެންބަރުކަން ގެއްލުނު ހިސާބުން ހެއްޔެވެ؟ އިހުލާސްތެރިނަމަ ފަނޑިޔާރުންނަށް އިނާޔަތް ދިނުމަށް ކުރިން ހުށަނޭޅުއްވީ ކީއްވެ ހެއްޔެވެ؟