މެންޗެސްޓާ ސިޓީ

ލީގް ހޯދުމުގެ ރޭހުގައި ސިޓީއަށް ބޮޑު އިތުބާރެއް

ވާދަވެރި މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 2-0 ން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގްގެ ރޭހުގައި މެންޗެސްޓާ ސިޓީން ބޮޑު އިތުބާރެއް ހޯދައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ކޮންމެ ސީޒަނެއްގައިވެސް، ލީގް ހޯދުމުގެ ރޭހުގެ ފަހުކޮޅުގައި ހާއްސަ މެޗެއް ކުރިމަތި ވެއެވެ. އެ މެޗުން މޮޅުވެ ލީގް ހޯދުމުގެ ރޭހުގައި އެ ޓީމަށް ބޮޑު އިތުބާރެއް ލިބެ އެވެ. ޕްރިމިއާ ލީގް ކާމިޔާބު ކުރެވޭނީ އެ މެޗުން މޮޅުވެގެންކަން އެ ޓީމަށް އެނގެ އެވެ.

ރޭ މެންޗެސްޓާ ޑާބީގައި ސިޓީ އާއި ޔުނައިޓަޑްގެ މެޗުވީ ލީގްގެ ފަހު ކޮޅުގައި ކުރިމަތިވި އެ މެޗަށެވެ. އެ މެޗުން ރޭ މޮޅުވުމުން ސިޓީގެ ސަޕޯޓަރުންނަށް ކާމިޔާބު އިހްސާސް ކުރެވޭ ކަހަލަ އުފާ ފާޅުކުރުންތަކެއް ފެނިގެން ދިޔަ އެވެ.

ހަމަ ހަގީގަތުގައިވެސް ސިޓީއަށް އެ އިހްސާސް ކުރެވެން އެބައޮތެވެ. އެ ޓީމަށް ކުރިއަށް އޮތް ތިން މެޗަކީ، ރޭ ގެ މެޗަށް ވުރެ ނިސްބަތުން ފަސޭހަ ދެމެޗެވެ. އަންނަ އާދިއްތަ ދުވަހު ސިޓީ ނިކުންނާނީ ބާންލިއާ ދެކޮޅަށެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ސިޓީން ހޯމް ދަނޑުގައި ކުޅޭ އެންމެ ފަހު މެޗުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނާނެ އެވެ.
އެންމެ ފަހު މެޗުގައި ބްރައިޓޮންއާ ދެކޮޅަށް ނިކުންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

ސިޓީ އާއި ދެ ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އެއް ޕޮއިންޓްގެ ފަރަގު އޮތަސް އަދި ލިވަޕޫލުން ކިތަންމެ ވަރުގަދަށް ވާން ކުރިނަމަވެސް، ކުރިއަށް އޮތް ތިން މެޗުން ސިޓީ މޮޅުވުމުން އެ ޓީމަށް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ.

ރޭ ގެ މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ބެނާޑޯ ސިލްވާ ކާމިޔާބު ކުރީ 54 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިރޮއީ ސަނޭ އެވެ.