ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ.
ރަޝިއާގެ ވްލަޑިވޮސްޓޮކްގައި އެގައުމުގެ ގަޑިން ގާތްގަނދަކަށް ދޭއް ޖެހިއިރު ރައީސް ކިމްގެ އެމަނިކުފާނުގެ ހާއްސަ ކާރުކޮޅުގައި ވަޑައިގެން އޭގެން ފައިބާވަޑައިގަތުމުން ރައީސް ޕޫޓިން ހިނިތުންވެފައި ހުރި ކިމްއަށް ވަނީ މަރުހަބާ ދަންނަވާ ސަލާން ކުރައްވާފަ އެވެ.
ފޮޓޯ ނެގުމަށް ވަގުތުކޮޅެއް ދިނުމަށް ފަހު ދެ ރައީސުންގެ ދެމެދުގައި ބާއްވާ ސަމިޓު ފެށުމަށްޓަކައި ރަޝިއާގެ ފާ އީސްޓް ފެޑެރަލް ޔުނވާސިޓީއަށް ދެ ބޭފޫޅުން ވަދެވަޑައިގަތީ އެކުގަ އެވެ.
އިއްޔެގެ ވަގުތެއްގައި ރަޝިއާއަށް ވަޑައިގަތް ރައީސް ކިމް ވިދާޅުވަނީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ހަތް އަހަރު ވީފަހުން އެމަނިކުފާނަށް ރަޝިއާއަށް ވަޑައިގަތުމުގެ ފުރުސަތު ލިބިފައިވީނަމަވެސް އެ މަނިކުފާނަށް ރަޝިއާއާއި ގުޅޭގޮތުން ވަރަށް ހިތްހަމަޖެހޭ ވާހަކަތަށް އަޑުއިވިފައިވާ ކަމަށެވެ.
ރައީސް ކިމް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ މި ބައްދަލުވުމަކީ ބޭނުންތެރި އަދި ކާމިޔާބު ދަތުރުފުޅަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރަޝިއާގެ ދައުލަތު މީޑިއާ ރޮއްސިޔާ-24 އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޕޫޓިންގެ ފޮރިން އެފެއާޒް އެޑްވައިޒަރު ޔޫރީ އުޝަކޮވް ރަޝިއާގެ މީޑިއާއަށް ހާމަ ކުރައްވާގޮތުގައި މި ސަމިޓުގެ މައިގަނޑު އަމާޒަކަށް ވެގެންދާނީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދުމެވެ.