ދުނިޔެ

ޓްރަމްޕްގެ ރެކޯޑުތައް އެޓާނީ ޖެނެރަލަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭންކް ރެކޯޑުތަކުގެ ކިތާބީ ހެކި އެޓާނީ ޖެނަރަލަށް ހުށަހެޅުމުގެ މަސައްކަތް ޑޯޝޭ ބޭންކުން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޒަމާންތަކެއް ވަންދެން ޓްރަމްޕްގެ ވަކީލެއްގެ ގޮތުގައި ކުރިން ހުންނެވި މައިކަލް ކޮހެން އެމެރިކާ ކޮންގްރެސްގެ އާންމު ބައްދަލުވުމެއްގައި ޓްރަމްޕްގެ ފައިނޭންޝަލް ހާލަތު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ މި އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ވަނީ ހެކިބަސް ދެއްވާފަ އެވެ.

މި ކަމާއި ގުޅިގެން އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސްގެ އޮފީހުން އެމެރިކާގެ ރައީސް ޓްރަމްޕްގެ ބޭންކް ރެކޯޑުތައް ތަހުގީގު ކުރަން އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ޑބޭންކުގައި ޓްރަމްޕް އޯގަނައިޒޭޝަނާއި ގުޅުންހުރި ރެކޯޑުތަކުގެ ކިތާބީ ހެކި އެ ބޭންކުން ކޯޓަށް ހުށަހެޅުމަށް އަމުރެއް ނެރެފައިވަނީ މިދިޔަ މަހުގަ އެވެ.

ބެންކުން މިހާރު މަސައްކަތް ކުރަމުން ދަނީ ވޮޝިންގްޓަންގައި ހުންނަ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓަލް، މަޔާމީގައި ހުންނަ ޓްރަމްޕް ނެޝަނަލް ޑޯރަލް ގޮލްފް ރިސޯޓް، ޗިކާގޯގައި ހުންނަ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް އެންޑް ޓަވަރުގެ އިތުރުން އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގް ބަފަލޯ ބިލްސް ގަތުމަށް ޓްރަމްޕް ކޮށްފައިވާ ނާކާމިޔާބު މަސައްކަތާއި ގުޅުން ހުރި ހުރިހާ ލިޔެކިޔުންތަކާއި އީ-މެއިލްތައް އެޓާނީ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމަށް ށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ހައުސް އޯވަސައިޓް އެންޑް ރިފޯމް ކޮމިޓީއަށް ކޮހެން ހުށަހަޅާފައިވާ ފައިނޭންޝަލް ބަޔާނުން ހާމަވާގޮތުގައި 2014 ވަނަ އަހަރު ބަފަލޯ ބިލްސް ގަތުމުގެ ބޭނުމުގައި ޓްރަމްޕްގެ ނެޓްވޯތު ވަނީ އަސްލަށްވުރެ ބޮޑުކޮށްފަ އެވެ.