ވިޔަފާރި

ސަރުކާރުން ކުރި ހަރަދަށްވުރެ އާމްދަނީ އިތުރު

Apr 25, 2019
7

މި އަހަރުގެ މިހާތަނަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކަށްވުރެ އާމްދަނީ އިތުރުކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަތުތަކުން ދައްކައިފި އެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު އާންމު ކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުންނަމަ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 7.08 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން ދައުލަތުން ހަރަދު ކޮށްފައިވަނީ 6.18 ބިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އާންމު އުސޫލުގެ ދަށުން، ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލުވާ އަދަދުތަކުން ހަރަދު ކުރަމުންދިޔަ ނަމަވެސް، މިއަހަރުގެ މިހާތަނަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތަށް ވަނީ 898.3 މިލިއަން ރުފިޔާ އަރަނިވެފަ އެވެ.

އާމްދަނީގެ ތަފްސީލަށް ބަލާ އިރު، ޓެކްސް މެދުވެރިކޮށް ލިބޭ އާމްދަނީގެ ގޮތުގައި 5.23 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްގެ ގޮތުގައި ނުހިމެނޭ އާމްދަނީގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސް މެދުވެރިކޮށް ލިބޭ އާމްދަނީއަށް 2.48 ބިލިއަން ރުފިޔާއާއެކު އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ޖީއެސްޓީން ނެވެ. ދައުލަތުން ކޮށްފައިވާ ހަރަދަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 4.84 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 391.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު ލޯންތައް ދެއްކުމަށް 26.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އުމްރާނީ ތަރައްގީއަށް ހިންގާ ޕީއެސްއައިޕީގެ ގޮތުގައި 632.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިއަހަރަށް 30.25 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި 23.34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.