ދުނިޔެ

ސީރިއާ މައްސަލާގައި އަރަބި ގައުމުތަކަށް ފާޑުކިޔައިފި

ސީރިއާ ހަނގުރާމަ އަދިވެސް ނުނިމޭނެ ކަމަށް އިޝާރާތް ކުރައްވާ އަރަބި ގައުމުތަކަށް ސީރިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފައިސަލް މިކްދާދް ފާޑު ވިދާޅުވެއްޖެ އެވެ.

ވެރިރަށް ދިމިޝްގުގެ ދަމަ ރޯޒް ހޮޓަލުގައި ބު ދުވަހު ބޭއްވި އަރަބި އިކޮނޮމިކް އެކްސްޗޭންޖް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިކްދާދު ވިދާޅުވީ ބައެއް ގައުމުތަކުން ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް ސީރިއާއަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ތަރައްގީއަށައި ރައްޔިތުންގެ މަންފާއަށް ހިތްދަތި އަސަރުތަކެއް ވަނީ ކޮށްފަ އެވެ. އަދި ދަނީ ވެސް ކުރަމުންނެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި ހަނގުރާމައެއް ނުނިމެ އެވެ.

އަރަބި ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން ވެސް ބައިވެރިވެފައިވާ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ބައެއް ގައުމުތަކުން ސީރިއާމެދު ކަން ކުރަމުން ދަނީ އިންސާނިއްޔަތާއި ހިލާފަށް ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް އަރާ، ހުޅަނގާއި އެމެރިކާގެ ނުފޫޒުން ސީރައާއަށް ކުރިމަތި ކޮށްފައިވާ ދަތިތަކާއެކު އެތައް ހާސް ސީރިއާ ރައްޔިތުން ޕެޓްރޯލް ސްޓޭޝަންތަކުގެ ކިއުގައި ތިބެން ޖެހި ސީރިއާގެ ކުޑަ ކުދިންތައް މަރުވަމުންދާއިރު އަރަބި ކަރަ ކަރައިން ދުނިޔޭގެ އެހެން ގައުމުތަކަށް ތެޔޮ ބަހަމުން ދަނީ ކީއްވެގެން ބާވައޭ؟" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިކްދާދު ވިދާޅުވި އެވެ.

އަރަބިންގެ ދެމެދުގައި އެއްބައިވަންތަކަމުގެ އެއްބަސްވުންތައް ގާއިމްކޮށް އަރަބި ގައުމުތައް އެކަތިގަނޑަކަށްވެ އެހެން ގައުމުތަކުގެ ނުފޫޒުން ކުރިމަތިކުރާ އެކަހެރިކަމުން ސަލާމަތްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ.