ހަބަރު

މަސްތުވާތަކެތި ހުއްޓުވުމާ ގުޅޭގޮތުން ސިންގަޕޫރާއެކު މަޝްވަރާކޮށްފި

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެގައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.

ނައިބް ރައީސް އެބޭފުޅުންނާއި ބައްދަލުކުރެއްވީ ސިންގަޕޯރަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ގައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމައުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ނައިބު ރައީސް ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވާލައްވާފަ އެވެ. ފާއިތުވި އަހަރުތަކުގައި، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައިވެސް ވަނީ އިތުރުވެފައެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އެހެނިހެން އިޖުތިމާއީ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެ މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ގެންދަނީ ކަމާގުޅުންހުރި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ގައުމުތަކުގެ މާހިރުންގެ ލަފަޔާއެކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.