މަސްތުވާތަކެތި

މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އެކްސްޕޯއެއް ބާއްވައިފި

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ހާއްސަ އެކްސްޕޯއެއް ބާއްވައިފި އެވެ.

ހުޅުމާލޭގެ ރުއްގަނޑު އެކެއް ސަރަހައްދުގައި "އަހަރެމެންނާއެކު" ނަމުގައި މިއަދު ކުރިއަށް ގެންދިޔަ މިއެކްސްޕޯ މިއަދު ހަވީރު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

ނައިބް ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެހެންވެ ރާއްޖޭގެ މުސްތަގުބަލް ކަމަށްވާ ޒުވާނުން މިވަބާއިން ސަލާމަތް ކުރުމަށްޓަކައި ގައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ލަތީފް ވިދާޅުވީ މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ އެންމެ މުހިއްމު ބޭނުމަކީ މަސްތުވާތަކެއްޗަށް އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ.

އިމާދު އިތުރަށް ވިދާޅުވީ މިއެކްސްޕޯ މީގެފަހުން ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި އެކްސްޕޯ އަތޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިރޭ ނިންމާލި އެކްސްޕޯގައި ވަނީ މައުލޫމާތު ދިނުމުގެ ހާއްސަ ސްލޮޓްތަކެއް ބަހައްޓައިގެން މައުލޫމާތު ދީފަ އެވެ. އަދި ޕެނަލް ޑިސްކަޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.