ސިންގަޕޫރު

ސިންގަޕޫރުން ފަންނީ އެހީތެރިކަން ހޯދަން މަޝްވަރާކުރައްވައިފި

Sep 8, 2022

ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން ސިންގަޕޫރުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދެވީ ނައިބް ރައީސް ފައިސަލް ނަސީމު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ މިނިސްޓާ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މަސަގޮސް ޒުލްކިފްލީއާ އާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެ ގައުމުގެ ސަރުކާރުގެ މަތީފަންތީގެ އިސްވެރިންގެ ޒިޔާރަތްތަކުގައި ދެ ގައުމަށް ފައިދާ ހުރި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ.

ނައިބް ރައީސް ވިދާޅުވީ ސިންގަޕޫރަކީ ދިވެހިރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ދިފާއީ، އިޖުތިމާއީ، އިގްތިސޯދީ ތަރައްގީއާއި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިންނާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން ދެ ގައުމު އިތުރަށް ގުޅުން ބަދަހިކުރުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބް ރައީސް ވަނީ ތައުލީމީ ދާއިރާ އާއި، އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި މި ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި ސިންގަޕޫރުގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ފަދަ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފަ އެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ދެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.